މާލޭގެ ރައްޔިތުންނަަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކައި އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު ހުއްޓާލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ޖާހަތައްޓަކައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިއަދު ކަންބޮޑުނުވާ އެއްވެސް ކަމެއް ނެތް ކަމަށެވެ. މާލޭގެ ރައްޔިތުންނަަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކައި އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު މިއަދު ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު ހުއްޓާލާފައިވަނީ ރައީސް މުއިއްޒުގެ އަމިއްލަ ޖާހަތައްޓަކައި ކަމަށާއި، އެ މަސައްކަތް ހުއްޓާލުމަށްފަހު ރައީސް މުއިއްޒުގެ ކިބުރުވެރިކަން ދެއްކުމުގެ ގޮތުން ފުށިދިއްގަރު ފަޅުގައި ބޭކާރު މަސައްކަތެއް ކުރަމުން އަންނަ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
އަޅުގަނޑު މިއަދު މިއޮތް ސަރުކާރަށް ގޮވާލަން، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި އެމްޑީޕީ ސަރުކާރުން ފަށާފައި އޮތް މަސައްކަތް މެދުނުކެނޑި ލަސްނުކޮށް އަލުން ކުރިއަށް ގެންދިއުމަށް. އެކަން ކުރެވޭނެ ގޮތް އަޅުގަނޑުމެން އޮންނާނީ ހަމަޖައްސާފައި. ފައިސާއެއް އިތުރަށް ހޯދާކަށް ނުޖެހޭނެ. އެހެންވީމަ އެއިރު ނިންމާފައި އޮތްގޮތަށް އެކަން ކުރުމަށް ދަންނަވަން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު![]()
ރައީސް ޞާލިހު ވިދާޅުވީ ޖުޑީޝަރީއާއި ދޭތެރޭގައި ރައްޔިތުން ކުރަމުން އައި އުއްމީދާއި އިތުބާރު ކުރަން ފެށި ފެށުން މުޅިން ނައްތާލާފައިވާ ކަމަށެވެ. މި ސަރުކާރުން މުޅި ޖުޑިޝަރީ ތެރެއަށް އަތްބާނާ ހަރާބު ކޮށްފި ކަމަށާއި، މިއީ މިކަން ހައްލުކޮށް ސަރުކާރުން ޖަވާބުދާރީ ކުރުމަށްޓަކައި އެމްޑީޕީ އިސްވެ ނުކުންނަން ޖެހޭ ކަމަށެވެ.
ރައީސް ޞާލިހު ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލާފައިވާ ކަމަށާއި، ބާރުތައް ޖަމާކޮށް ހުރިހާ ބާރެއް އެއްކުރަމުން އަންނަ ކަމަށާއި، ނޫސްވެރިކަން މުހިންމު ވަނީ މި ސަބަބާއި ހުރެ ކަމަށެވެ.
ނޫސްވެރިންނަކީ ހަމައެކަނި ސަރުކާރު ޖަވާބުދާރީ ކުރާ ބައެއް ނޫން. ދައުލަތުގެ 3 ބާރު ވެސް ޖަވާބުދާރީ ކުރުވާ ބައެއް. މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވާ ބަޔަކީ އެއީ. މިއަދު އެ ހުރިހާ ބާރެއް މުށުތެރެއަށް ލުމަށްފަހުގައި ދެން އެ ނުކުމެވަޑައިގަންނަވަނީ މި މުއައްސަސާތައް ޖަވާބުދާރީ ކުރަން އޮތް ބާރު ނައްތާލަން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު![]()
ރައީސް ޞާލިހު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާއި ހަވާލުވިދުވަހުން ފެށިގެން ގަސްތުގައި ރާވައިގެން ދިވެހިރާއްޖޭގެ ތުސްތޫރީ ނިޒާމް ހަލާކުކޮށްލުމުގެ ހަޑިހުތުރު މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން ގެންދާތީ އެކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ޕާޓީ މޯލްޑިވިވް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ސިލްސިލާކޮސް މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރާ އެއްގޮތަށް ނުކުމެވަޑައިގަތުމަށް މެންބަރުންނަށް ގޮވާލައްވާފައެވެ.