މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާއި ގުޅިގެން ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި އެވެ.
އަންގާރަ ދުވަހުގެ 09:00 ގައި އޮތް މިނިވަން މުއައްސަސާތަކުގެ ކޮމެޓި ބައްދަލުވުން ސިއްރުކުރަން ނިންމި ސަބަބު އެ ކޮމެޓިން ހާމަމަކޮށްފައެއް ނުވެ އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމެޓި ބައްދަލުވުންތަކެއް ފަށާފައިވަނީ މަޖިލީހަށް ސަަރުކާރުން ސްޕޮންސަރ ކޮށްގެން އަމިއްލަ މެންބަރަކު ހުށަހެޅި މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ގުޅިގެންނެވެ.
އެގޮތުން އާދިއްތަ ދުވަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާއެކު އެ ކޮމެޓިން ބައްދަލުކޮށްފައިވާއިރު ހޯމަ ދުވަހު ވަނީ މީޑިއާތަކާއި ބައްދަލުކޮށްފައެވެ. ޖުމުލަ ގޮތެއްގައި އެ ދެބައްދަލުވުމުގައިވެސް މީޑިއާ ކޮންޓޤރޯލް ބިލުގެ ނުރައްކާކަމާއި އެ ބިލުގައި ބަޔާންކޮށްފައިވާ ކަންކަން ގޯސްކަން ފާޖަގަކޮށްފައިވެ އެވެ.
ހޯމަ ދުވަހު މީޑިއާތަކާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ހުރިހާ މީޑިއާތަކުން ވެސް މީޑިއާ ކޮންޓްރޯލް ކުރާ ގޮތަށް ފަރުމާކޮށްފައި ވާ ބިލު ވަގުތުން ބޭރުކުރުމަށް ވަނީ ގޮވާލައިފި އެވެ. ހުރިހާ މީޑިއާތަކުން ވެސް ފާހަގަކުރީ، ބިލުގައި ހުރި ކަންބޮޑުވުންތަކާއި ނޫސްވެރިކަމަށް ނުރައްކާ ހުރި މާއްދާތަކެވެ. ގިނަ މީޑިއާތަކުން ގޮވާލާފައިވަނީ ބިލު އަނބުރާ ގެންގޮސް، މީޑިއާތަކާއި ޖަމިއްޔާތައް އަދި ކަމާ ގުޅޭ އިދާރާތަކާއެކު ފުޅާކޮށް މަޝްވަރާކޮށްގެން އާ ބިލެއް އެކުލަވާލުމަށެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.