ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދީފައިވާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް މީޑިއާތަކަށް އެހީ ދޭ ގޮތުގެ މިނިވަން ރިވިއު އެއް ކުރުމަށް އޯކާ މީޑިއާ ގްރޫޕުން ގޮވާލައިފި އެވެ.
އޯކާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީޑިއާ ފަންޑު ދިނުމުގައި ސުވާލު އުފެދޭ ގޮތަށް އަދި ފައިސާ ދީފައިވާ ތަންތަނުގައި ސަރުކާރުގެ އިސްވެރިންގެ މަސްލަހަތު ހިމެނުން ފަދަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން 27.9 މިލިއަން ރުފިޔާގެ މީޑިއާ ފަންޑު ބެހުން ވަގުތުން ފަސްކޮށް، ފުރިހަމަ މިނިވަން ރިވިއު އެއް ހިންގުމަށް އޯކާ އިން ވަނީ ގޮވާލާފަ އެވެ.
މިހާރު މީޑިއާ އަށް ފަންޑު ދިނުމުގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އެ ފަންޑުގެ މަގްސަދު ކަމުގައިވާ ތަފާތު އަދި މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް ހުރަސް އެޅޭ ކަމަށް އޯކާ އިން ބުނެފައި ވެއެވެ.
މި ފަންޑާއި މެދު ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި މަސްލަހަތު ފުށު އަރާ ގޮތަށް ކަންކަން ކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ގްރާންޓް ދިނުމުގެ ޕްރޮސެސްގައި ބައިވެރިވެވަޑައިގެންނެވި ސްޓޭޓް މިނިސްޓަރު އަލީ ޝަމާން ހިންގަވާ އެއް އައުޓްލެޓަކަށް 1.34 މިލިއަން ރުފިޔާ ދިން ކަމަށް ބައެއް ރިޕޯޓްތައް ބުނާ ކަމަށް އޯކާ އިން ބުނެ އެވެ.
މީގެ އިތުރުން އެންމެ ބޮޑު ގްރާންޓް (5.1 މިލިއަން ރުފިޔާ) ދީފައިވަނީ ޒުވާނުންގެ ހަކަތަ، މައުލޫމާތު އަދި ފަންނުވެރިކަމުގެ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް)ގެ މަސްލަހަތު އޮތް ތަނަކަށް ކަން އޯކާ އިން ފާހަގަކޮށްފަ އެވެ.
ހަމައެހެންމެ މި މަރުހަލާގެ ނަޒާހަތްތެރިކަމެއް ނެތް ކަމަށް އޯކާ އިން ވަނީ ބުނެފަ އެވެ. މީޑިއާ އަދި ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލްގެ ރިޕޯޓްތަކުގެ ދަށުން، އިވެލުއޭޝަން ކްރައިޓީރިއާ، ކޮމިޓީގެ ތަފްސީލު، އަދި އެސެސްމަންޓް ގޮތްތައް ރައްޔިތުންނަށް ހާމަކޮށްފައެއް ނުވެ އެވެ.
ފަންޑު ބެހުން ވަގުތުން މަޑުޖައްސާލުމަށާއި، ފަންޑު ދިނުމުގެ މުޅި ޕްރޮސެސްގެ ފުރިހަމަ، މިނިވަން އޮޑިޓެއް ކުރުން އަދި އާ އިންސާފުވެރި ކޮމިޓީ އެއް އެކުލަވާލާ އަލުން އިވަލުއޭޝަން މަރުހަލާ ކުރިއަށް ގެންދިއުމާއި، މުޅި މަރުހަލާ ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް އޯކާ އިން ވަނީ ގޮވާލާފަ އެވެ.