Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2025 | ހޯމަ 22:20
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަދައްކަވަނީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަދައްކަވަނީ
އެމްޑީޕީ
އެމްޑީޕީ ގައުމީ މަޖިލިސް
ރައްޔިތުންނާއި ނޫސްވެރިން އެދޭ ކަންކަން ފުރިހަމަ ނުވަނީސް އެމްޑީޕީއިން ފަށާ މުޒާހަރާތައް ހުއްޓާ ނުލުމަށް ރައީސް ޞާލިހު ގޮވާލައްވައިފި
މުޒާހަރާ ކުރިއަށް ގެންދަންވާނީ ރައްޔިތުން އެދޭ އެދުންތަކާއި ނޫސްވެރިން އެދޭ އެދުންތަކާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން އެދޭ އެދުންތަކާއި މަސްވެރިން އެދޭ އެދުންތައް ފުރިހަމަވަންދެން
މިހާރުގެ ސަރުކާރަށް އެއް އަހަރާއި 10 މަސްވީއިރު ރާއްޖޭގައި ކަންބޮޑުނުވާ އެކަކުވެސް އަދި ދާއިރާއެއްވެސް ނެތް
ތަކެތީގެ އަގު ބޮޑުވެ ކަރަންޓުގެ އަގު އަތްނުފޯރާ ހިސާބަށް އަރައިފި

ރައްޔިތުންނާއި އެކި ދާއިރާތަކުގައި ހިމެނޭ ފަރާތްތަކާއި، ނޫސްވެރިން އެދޭ ކަންކަން ފުރިހަމަ ނުވަނީސް އެމްޑީޕީއިން ފަށާ މުޒާހަރާތައް ހުއްޓާ ނުލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް އެމަނިކުފާނު ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ އެ ގަރާރުގައި ވަރަށް ސާފުކޮށް ގައުމުގެ ހާލަތު ބަޔާންކޮށްދީފައިވާ ކަމަށެވެ. ރައްޔިތުން އުޅެމުންދާ ހާލަތާއި، މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އުޅޭ ފަރާތްތަކާއި، ނޫސްވެރިން ހިމެނޭހެން ހުރިހާ ދާއިރާއެއް މިހާރު އޮތް ހާލަތު ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުން އެމްޑީޕީގެ ފަރާތުން އުއްމީދުކުރާ ކަންތައްތަކެއް އޮންނަ ކަމަށާއި، ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަޑު އުފުލާ ބަސްބުނެ އިސްވެ ނުކުންނަ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ މިއަދު އެ ހާލަތަށް އައިސްފި ކަމަށެވެ. މި ސަރުކާރަށް އެއް އަހަރާއި 10 މަސްވީ އިރު ރާއްޖޭގައި ކަންބޮނުވާ އެކަކުވެސް އަދި ދާއިރާއެއްވެސް ނެތް ކަމަށެވެ. ތަކެތީގެ އަގުބޮޑުވެއްޖެ ކަމަށާއި ކަަރަންޓުގެ އަގު އަތްނުފޯރާ ފަށަށް އަރާފައިވާ ކަމަށެވެ.

އާއިލާއެއްގައި ދެމީހަކު ރެއާއި ދުވާލު ބުރަކޮށް މަސައްކަތްކޮށްގެން ގޭތެރޭގެ ހަރަދުތަކެއް ނުބެލެހެއްޓޭ. ދަރާ ވިކެނީ. މިއަށް ސަރުކާރުން ޖަވާބުދާރީއެއް ނުވޭ. ހަމަގައިމު ދުނިޔޭގައި ތަކެތީގެ އަގުތައް މައްޗަކަށް ނުދޭ. ތެލުގެ އަގު މައްޗަކަށް ނުދޭ. އެހެންނަމަވެސް ރާއްޖޭގައި ދުވަހުން ދުވަހަށް، މީގެ ދޮޅު އަހަރު ކުރިއާ އަޅާ ބަލާއިރު ދެގުނަ ތިން ގުނަ ތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ. އެހެންވީމާ މިކަމުގައި ސަރުކާރު ޖަވާބުދާރީވުމަށް އެމްޑީޕީ އިސްވެ ނުކުންނަން އެބަޖެހޭ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މިއަދު އަޅުގަނޑުމެން ކުރިމަތީގައި އޮތް އެންމެ ބިރުވެރި އެއްކަމަކީ ނޫސްވެރިކަމާއި އިދިކޮޅަށް ނޫސްވެރިކަން ނައްތާލުމަށްޓަކައި ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލު ކަމަށެވެ. އޭގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މުޅި ނޫސްވެރިކަން ގެނައުން ކަމަށާއި، ވަކިވަކި ނޫސްވެރިންނަށް ބޭނުން ވަގުތެއްގައި ފިޔަވަޅު އެޅުމުގެ ބިރުވެރި ފުރުސަތު ހޯދުން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ޖުމްލަކޮށް ހުރިހާ ނޫސް މީޑިއާތަކަށް، ފިޔަވަޅު އެޅުމުގެ ބާރު ސީދާ ރައީސްގެ އަތްޕުޅަށް ނެންގެވުން. ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގައި އޮތް އެންމެ މިނިވަން ބާރު. އަމިއްލަ ފަރުދުން ވަކި ބައެއްގެ ނުފޫޒެއް ނެތި އަމިއްލައަށް ނުކުމެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާ ބައެއް. މިއަދު އެ ނުކުންނަނީ ނޫސްވެރިކަން މަރާލަން. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން، މަރާލަންވީ ގޮތްވެސް އެބަ ސާފުކޮށް ހާމަކުރޭ. މިއަދު އެމްޑީޕީ އިން ނުކުންނަންވީ އެކަން ހުއްޓުވަން. އަޅުގަނޑު ރައީސް މުއިއްޒުއަށް އިލްތިމާސްކޮށް ދަންނަވަނީ ބިލު އަނބުރާ ގެންނަވާށޭ. އެއީ އިސްލާހު ކުރެވޭނެ ބިލެއް ނޫން. އޭގައި އިސްލާހުކޮށްގެން ބޭނުން ހިފޭނެ އެންމެ ތަންކޮޅެއްވެސް ނެތް.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީ އިން ފާސްކުރި ގާރާރުގައި އޮތް ގޮތަށް ފަށާ މުޒާހަރާ ކުރިއަށް ގެންދަންވާނީ ރައްޔިތުން އެދޭ އެދުންތަކާއި ނޫސްވެރިން އެދޭ އެދުންތަކާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން އެދޭ އެދުންތަކާއި މަސްވެރިން އެދޭ އެދުންތައް ފުރިހަމަވަންދެން ކަމަށެވެ. އަދި މެދުނުކެނޑި މުޒާހަރާ ކުރިއަށް ގެންދަންވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

- ކޮމެންޓް