މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ކޮލަމާ ބޯޓުގެ ކެޕްޓަން އާދަމް ސައީދު މަރުވެއްޖެ އެވެ.
ކޮލަމާ ބޯޓު ގެއްލިގެން ހޯދަމުން ދިޔައީ އާދީއްތަ ދުވަހުގެ ރޭ ލ. އަތޮޅުން ފުރިފަހުންނެވެ. ފުލުހުން ބުނީ ގެއްލުނު ބޯޓު ފެނިފައިވާ ކަމަށާއި، ފެނުނީ އެކެފަރު ސަރަހައްދުންނެވެ. މިކަމާއި ގުޅޭ ރިޕޯޓު ފުލުހުންނަށް ލިބުނީ ހޯމަ ދުވަހުގެ މެންދުރު 1:25 ހާއިރު އެވެ. އަދި ކޮލަމާ ބޯޓު ފެނިފައިވަނީ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ބޯޓުގެ ކެޕްޓަން ކޮލަމާފުށި، ދޮންވެލި އާދަމް ސައީދު ފުލުހުންގެ ލޯންޗެއްގައި ގއ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވުނު ކަމަށެވެ. އަދި ކެޕްޓަން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ. އޭނާ މަރުވި ސަބަބެއް މިހާތަނަށް ނޭނގެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ކޮލަމާ ބޯޓަކީ މާލެއާއި ގއ. އަތޮޅު އާއި ދެމެދު މުދާ އުފުލާ ބޯޓެކެވެ. އާންމުކޮށް ބޯޓު މާލެއިން ފުރައިގެން ގއ އަތޮޅަށް ދިއުމުގެ ކުރިން ލ. މާމެންދޫގައި ބޯޓު މަޑުކުރާނެއެވެ. އެއަށްފަހު ގއ. އަތޮޅަށް ގޮސް ގއ. ވިލިނގިއްޔަށް މުދާ ބޭލުމަށްފަހު ބޯޓު ދާނީ ގއ. ކޮލަމާފުއްޓަށެވެ. ކޮލަމާ ބޯޓަކީ ކޮލަމާފުށީ ބޯޓެކެވެ.