ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިން އާާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ދެމެދު ގާތް ގުޅުމެއް އޮންނަކަން ދައްކުވައި ދީފި އެވެ.
ޗައިނާގައި ކުރިއަށް ދިޔަ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގައި ބައިވެރިވެ ވަޑައި ގަތުމަށް ޕުޓިން އަދި މޯދީ ވެސް ވަނީ ޗައިނާ އަށް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ދެ ބޭފުޅުންގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަކަން ވަނީ ދައްކުވައިދީފަ އެވެ.
އެ ދަތުރުފުޅުގައި ޕުޓިން އާއި މޯދީ ވަކިން ބައްދަލު ކުރައްވާފައިވާއިރު، ދެ ލީޑަރުން ވަނީ އެއް ކާރު ކޮޅެއްގައި ދަތުރު ވެސް ކުރައްވައިފަ އެވެ. މި ދަތުރުފުޅުގައި ދެ ބޭފުޅުންގެ ދެމެދުގައި ގިނަ ކަންކަމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.
އެގޮތުން ޕުޓިން އާއެކު އެއް ކާރު ކޮޅުގައި އިންނަވައި ފޮޓޯ އެއް ހިއްސާ ކުރައްވައި މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވެފައި ވަނީ، ޕުޓިން އާއި އޭނާ ބައްދަލުކޮށް، ދެ ބޭފުޅުން އެކުގައި ދަތުރު ކުރައްވާފައިވާ ކަމަށެެވެ. އަދި ޕުޓިން އާއެކު ކުރެވޭ ކޮންމެ މަޝްވަރާއަކާއި، ދެކެވޭ ކޮންމެ ވާހަކަ އަކީ އަބަދު ވެސް ވަރަށް ރަނގަޅު އަދި މުހިންމު މަޝްވަރާ ތަކެއް ކަމަށް މޯދީ ވިދާޅުވެފައިވެ އެވެ.
ޕުޓިން އާއި މޯދީ ބައްދަލު ކުރައްވާފައި މި ވަނީ، ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނާނީ އެމެރިކާ އިން އިންޑިއާއާ ދެކޮޅަށް ފިޔަވަޅު ތަކެއް އަޅަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެމެރިކާ އިން ވަނީ، އެ ޤައުމަށް އެތެރެ ކުރާ އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ނެގުމަށް ވެސް ނިންމައިފަ އެވެ.
މީގެ އިތުރުން، އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަނެ، ރަޝިޔާއާ އެކު ތެލުގެ ވިޔަފާރި ކުރުން ކުރިއަށް ގެންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެއާއެކު، ޓްރަމްޕް އާއި މޯދީއާ ދެމެދު އޮތް ގުޅުން ވެސް ގޯސްވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.
އިންޑިއާއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު ތަކެއް އެޅި ނަމަވެސް، އިންޑިއާ އިން ވަނީ ރަޝިޔާއާ އެކު އޮންނަ ގުޅުން ދިފާއު ކޮށްފަ އެވެ. އަދި އެމެރިކާ އިން އަޅާފައިވާ ފިޔަވަޅު ތަކަކީ އިންސާފުވެރި ފިޔަވަޅު ތަކެއް ނޫން ކަަމަށް ވެސް އިންޑިއާ އިން ބުނެފައިވެ އެވެެ. އެ ފިޔަވަޅުތައް އެޅި ނަމަވެސް، ރަޝިޔާ އިން ތެޔޮ ގަތުން މަދު ކުރުމުގެ އެއްވެސް ނިޔަތެއް އިންޑިއާ އިން ނުގެންގުޅޭ ކަމަށް، އިންޑިއާގެ އިސް އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ.
ޗައިނާގައި ކުރިއަށް ދިޔަ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމުގެ ކުރިން، މޯދީ ވަނީ ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ވެސް ފޯނުން ގުޅުއްވައި ވާހަކަ ދައްކަަވައިފަ އެވެ. އެ ވާހަކަ ތަކުގައި ވަނީ ސުލްޙަވެރިކަން ޤާއިމު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.
ޗައިނާގެ ދަތުރުފުޅުގައި މޯދީ ޕުޓިންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާއިރު، މިއަހަރުގެ ފަހު ކޮޅު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަން ވެސް އޮތީ ހަމަޖެހިފަ އެވެ. އަދި އެ ދަތުރުފުޅުގައި މޯދީއާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ހާމަކޮށްފައިވެ އެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި މޯދީ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް ވަކިން ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމާއެކު، ގުޅުން ބަދަހި ކުރުމަށް ވެސް އެއްބަސްވެ ވަޑައިގެންފަ އެވެ.