މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް މުޒާހަރާ ކުރާ ނޫސްވެރިންނާ ރައީސް މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވާފައިވާއިރު، ބުދަ ދުވަހުން ފެށިގެން ނޫސްވެރިން ދަނީ މީޑިއާ ކޮންޓްރޯލް ކުރާ ބިލު ބޭރުކުރުމަށް ޑިމާންޑު ކޮށް މުޒާހަރާ ކުރަމުންނެވެ.
ބިލު ބޭރުކޮށްލަން ގޮވާލާ ރައީސް އޮފީސް ކުރިމަތީގައި އޮންނަ މީޑިއާ ފެންޑާގައި މުޒާހަރާ ކުރަމުން ދިޔަ ނޫސްވެރިންގެ ޑިމާންޑުތަކާއި ގުޅިގެން ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިން ވަނީ އެ ހާކަތަށް މީޑިއާއަށް ވެސް ހިއްސާކޮށްފަ އެވެ.
އެގޮތުން މީޑިއާ ކޮންޓްރޯލް ކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅެއް ނޫން ކަމަށާއި އެގޮތަށް މީޑިއާތަށް ކޮންޓްރޯލް ކުރުމަށް ފުރުސަތު ނުދެއްވާނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް އެ ބައްދަލވުމުގައި ބައިވެރިވި ނޫސްވެރިން ވަނީ ބުނެފައެވެ. އަދި މިހާރު އެ އޮތް ބިލަށް މަޖިލީގުގެ ތެރެއިން ބަދަލުގެންނަން މަސައްކަތް ކުރާނޭ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެލެއްވި ކަމަށް ނޫސް ވެރިން ބުނެއެވެ.
އެހެން ނަމަވެސް އެ ބިލަކީ ރައްޔިތުންގެ މަޖިލިސް ތެރެއިން ވެސް އަދި އެހެން ގޮތަކުން ވެސް ބަދަލުތަކެއް ގެނެވޭ ވަރަށް ވުރެ މާ ގޯސް ބިލެއް ކަން ނޫސްވެރިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ނޫސްވެރިން ރައީސަށް ހުށަހެޅުއްވީ ސީދާ މިހާރު މަޖިލީހަށް ހުށަހަޅުއްވާފައި އެ އޮތް މީޑިއާ ކޮންޓްރޯލް ކުރާ ބިލު ބޭރު ކުރުމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމާ މެދު ވިސްނަވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް ނޫސްވެރިން ވަނީ ބުނެފައެވެ.
އެގޮތުން ރައީސްއާ ބައްދަލުކުރެއްވުމަށްފަހު ދައުރު ނޫހުގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ރައީސްގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވި ކަމަށެވެ.
ރައީސް ދެއްކެވި ވާހަކައިގައި މި ސަރުކާރަކީ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާ، މީޑިއާތަކަށް ޕޮޒިޓިވް ސަރުކާރެއް ކަަމަށް ނޫސްވެރިން ގާތު ވިދާޅުވި އެވެ.
އަދި މިހާރު ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ނޫސްވެރިން ބޭނުންވާ ބަދަލުތައް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ނޫސްވެރިން ބުންޏެވެ.
ނަމަވެސް މިހާރު އޮތް ބިލު އިސްލާހުކުރަން ކުރަން ޖެހޭ މަސައްކަތަށް ހޭދަވާ ވަގުތަށް ވުރެ، އާ ބިލެއް ފަރުމާކުރަން ނަގާނެ ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ކުރާ ޑިމާންޑު ދަމަހައްޓާފަ އެވެ.
ނޫސްވެރިންގެ މި ޑިމާންޑާ ގުޅިގެން ރައީސް ވިދާޅުވި ކަމަށް ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމުގެ ލަފާ ހޯއްދެވުމަށް ފަހު ބިލާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.