އެމެރިކާ ލީގްސް ކަޕްގެ ސެމީ ފައިނަލްގައި އޯލަންޑޯ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިއާމީ އިން މުބާރާތުގެ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.
ބުރާސްފަތި ދުވަހުގެ ފަތިހު ކުޅުނު މެޗު މިއާމީ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި އޯލަންޑޯ ސިޓީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، މިއާމީ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައިއޯލަންޑޯ ސިޓީ އިން ލީޑު ނެގި ނަމަވެސް، މިއާމީ އިން ވަނީ ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ލަނޑު އޯލަންޑޯ ސިޓީ އަށް ޖަހައިދިނީ މާކޯ ޕަސަލިޗް އެވެ.
އޭގެ ފަހުން މެޗުގައި އޯލަންޑޯ ސިޓީ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، ދެ ވަނަ ހާފުގައި އެ ޓީމުގެ ޑޭވިޑް ބްރެކަލޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މެޗުގައި މިއާމީ އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އިންނެވެ. އެއީ އޯލަންޑޯ ސިޓީގެ އޭރިޔާ ތެރެއިން މިއާމީގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، މިއާމީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެސީ އެވެ.
އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، މެސީ ވަނީ މިއާމީ އަށް ދެ ވަނަ ލަނޑެއް ޖަހައިދީ މެޗުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. މެޗުގައި މިއާމީގެ ފަހު ލަނޑު، ޓެލަސްކޯ ސެގޯވިއާ ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.
ލީގްސް ކަޕްގެ ފައިނަލްގައި މިއާމީ ނިކުންނާނީ ސީޓަލް ސައުންޑާސްއާ ދެކޮޅަށެވެ.