ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެކައުންޓަކަށް ޖަމާވާންޖެހޭ ގިނަ އަދަދެއްގެ ފާއިސާ އެތަނުގެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާކަން ފަޅާއަރައިފި އެވެ.
ރާއްޖެއެމްވީއަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތުދިން ގޮތުގައި މިމުޢާމަލާތް ހިންގާފައިވަނީ އެފްއެސްއެމްގެ ސޭލްސްގައި މަސައްކަތްކުރާ އެސިސްޓަންޓް މެނޭޖަރ އަޙްމަދު ނަޒޫހުގެ އަމިއްލަ އެކައުންޓަށް، އެފްއެސްއެމްއަށް ކަސްޓަމަރަކު ދޭން ޖެހޭ އަށްޑިހަ ހާސް ރުފިޔާގެ ޕޭމަންޓެއް ޖަމާކޮށްގެންކަން ވަނީ ހާމަވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރުގެ މާރޗްމަހުގެ ތެރޭގައި މިމައްސަލަ ފެންމަތިވި ނަމަވެސް މިމައްސަލަ ނުބަލާ ހިފަހައްޓައިގެން އުޅެނީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ފާތިމަތު އާޝާންއާއި، ނަޒޫހުއާއި އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ނަޒޫހުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފާއިސާގެ މިމައްސަލަ އެސްޓީއޯގެ ކޮމިޓީންނާއި އޮޑިޓް ޑިޕާރޓްމަންޓަށްވެސް ހުށަހަޅާފައިވާއިރު، އާޝާންގެ ނުފޫޒުން މިމައްސަލަ އޮއްބާލާފައިވާ ކަމަށް ވަނީ އިތުބާރު ހުރި ގޮތަކަށް މައުލޫމާތުލިބިފަ އެވެ.
އެފްއެސްއެމްގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީ އާޝާންއަކީ މުވައްޒަފުންގެ މެދުގައި ވަރަށް ތަފާތު ކުރުން ގެންގުޅޭ ފަރާތަކެވެ.
ދާދި ފަހުން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސްއާއި އެކު ވިޔަފާރި ކުރަމުން އަންނަ ފާލްގޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަހުދީ އަލީ، އެފްއެސްއެމްއަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާގެ ފާއިސާ ދައްކަންޖެހިފައިވަނިކޮށް، އެކުންފުނިން އޭނާއަށް ވަޒީފާދިން ކަންވެސް ހާމަވެފަ އެވެ. އަދި ސާބިތު ދަރަނީގެ މައްސަލައެއް ޝަހުދީގެ މައްޗަށް އޮތް އިރު، ކުންފުނީގެ ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް މިފާއިސާ އެފްއެސްއެމް އަށް ދެއްކުމަށް ސެޓްލްމަންޓް އެގްރީމެންޓް އެއް ހަދާފައިވާކަންވެސް އެނގިފަ އެވެ.
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައިވެސް ފިއުލް ސަޕްލައި މޯލްޑިވްސް އިން ޑެލިވަރީ އެޕްއެއް ހަދަން 9 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފައި ވަނިކޮށް އެސްޓީއޯއިން އެކަން ވަނީ ހުއްޓުވާފަ އެވެ.
އެގޮތުން އެފްއެސްއެމްގެ ޑެލިވަރީ އެޕް ހެދުމަށް ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށާއި، އެގޮތުން މި އެޕް ހެދުމަށް އެއް ފަރާތަކުން ހުށަހަޅާފައިވަނީ 2 މިލިއަން ރުފިޔާއަށް ކަމަށްވާއިރު، އަނެއް ފަރާތަކުން ހުށަހަޅާފައިވަނީ 9 މިލިއަން ރުފިޔާ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރު އައުމަށްފަހު އެފްއެސްއެމްއާއި ގުޅުން ހުރި ތަފާތު ކޮރަޕްޝަންގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެއެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުޢާމަލާތްތަކުގައި އެމް.ޕީ.އެލްއާއި އެފް.އެސް.އެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގައި އެކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާ ކުރުމަށް 27 ފެބްރުއަރީ 2025 ގައި ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.
މީގެ އިތުރުން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އިސްމާއިލް ސުހައިލް އާއި ގާތް ގުޅުމެއް އޮންނަ ދެ މީހަކު އެ ކުންފުނީގެ ގުދަނުގައި ހުރި މަސްދަޅުތަކެއް ވަގަށް ނެގި މައްސަލަ އެއް ފެންމަތިވެފައިވާއިރު، ސުހައިލް އަޑީގައި ހުންނަވައިގެން އެކުންފުނީގެ ތެޔޮބޯޓުތަކުން ނުއަގުގައި ތެޔޮ ވިއްކަވައިގެން ކަރަޕްޝަން ހިންގަވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.