ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ސަރުކާރަށް ފާޑުކީތާ 48 ގަޑިއިރު ތެރޭ އެމްޑީޓީ އުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން 26 އޮގަސްޓް 2025 ގެ ތާރީޚުގައި ކޮށްފައިވައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ) އުވާލުމަށް މިކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެމްޓީޑީ އުވާލުމަށް ނިންމި ސަބަބެއް އިއުލާނުގައި ބަޔާން ކޮށްފައެއް ނުވެއެވެ.
"އެހެންކަމުން، މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް އިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، 2025 އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅުއްވައި ނިންމެވުމަށް ދަންނަވަމެވެ." އިލެކްޝަންސް ގެ އިއުލާނުގައި ބުނެފައިވެއެވެ.
އަދީބުގެ ޕާޓީ އުވާލަން ނިންމި އިރު، ގައުމީ ދުވަހު އަދީބް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނުސީދާ ކޮށް ސަރުކާރަށް ރައްދުވާ ގޮތައް ފާޑު ވިދާޅުވެފައެވެ.
މި ގައުމުގެ އެންމެ މުހިންމު ގައުމީ ވާޖިބަކީ އަޅުގަނޑުމެންގެ ދިވެހިން ބަނޑުފުރާނަ މުއްތިކޮށް ދަރަނިން ސަލާމަތްވެ ބޯހިޔާވަހިކަން ލިބި، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭ އަދި ކޮންމެ ރައްޔިތަކީ އަމިއްލަ އީވޮލެޓެއް އޮތް ގައުމުގެ އިގްތިސާދުން ހިއްސާއެއްލިބޭ، ތަނަވަސް ދިވެހި ރައްޔަތަކަށް ހެދުން ކަމަށް އަދީބް ވިދާޅުވެފައިވެއެވެ.
އަދީބް ގެ ޕޯސްޓް ގައި ކާބަފައިން ކަންކުރީ އަމަލުން ކަމަށް ވިދާޅުވެ، "އިސްލާހީ މަސައްކަތޭ، މަތިގެޔާ ތިރީގެޔޭ ކިޔާ ފޮނިކަނޑާ ފޮނިވާހަތަކާ ޕޯޑިއަމްގައި ހަޅޭއްލަވާ ޅެންހަދާ އިނާމުދީ ހަފްލާތައް ބާއްވައިގެނެއް ނޫން،" ކަމަށް ވިދާޅުވިއެވެ. އަދި ބޮޑުތަކުރުފާނު މިގައުމު ސަލާމަތް ކުރެއްވީ އަމަލުން ކަމަށާއި ބޭރުގެ އެހީ އާއި އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.
"މީ އަހަރުމެންގެވެސް ގައުމެވެ، އެކަން ހަނދާންކޮށް ދެމެވެ." އަދީބް ވިދާޅުވިއެވެ.