Advertisement
ކ. މާލެ
|
26 އޯގަސްޓް 2025 | އަންގާރަ 15:24
މުހައްމަދު ރާއީ
ހަމަ ރަނގަޅަށް ވެސް މިސަރުކާރު އޭޓީއެމް މެޝިންގައި ޖެހި މޮޔަވެއްޖެ
ހދ. މަކުނުދޫގައި 2021 ވަނަ އަހަރުން ފެށިގެން އޭޓީއެމްގެ ޚިދުމަތް ދެމުން އަންނަ ކަން
2024 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި 215 އޭޓީއެމް މެޝިން ޚިދުމަތް ލިބެމުން ދިޔަ
2020 އިން ފެށިގެން ފަސް އަހަރުގެ ތެރޭގައި އޭޓީއެމް ތަކުގެ އަދަދު 31 އިންސައްތަ އިތުރުވެފައިވޭ

ހދ. މަކުނުދޫ އަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގައި ވެސް އޭޓީއެމް މެޝިން އެއް ހުޅުވުން އޮތް ކަމަށް ސަރުކާރުގެ މީޑިއާ ޕީއެސްއެމް އިން ރިޕޯޓު ކުރި އިރު އެރަށުގައި އޭޓީއެމް ޚިދުމަތް ދެމުން އަންނަތާ ކިތަންމެ އަހަރެއް ވެއްޖެއެވެ.

މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، 2021 ވަނަ އަހަރުން ފެށިގެން މަކުނުދޫ ގައި އޭޓީއެމް ގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ.

މަކުނުދޫ އަކީ ތިން ވަނަ އަށް ހދ. އަތޮޅު ގައި ބީއެމްއެލް ގެ ޚިދުމަތް ދޭން ފެށި ރަށެވެ.

ރާއީ ވިދާޅުވީ، އެކަހެރި ކޮށް އޮންނާތީ ރައީސް ސާލިހް ގެ ސަރުކާރުން މަކުނުދޫގެ ރައްޔިތުންނަށް ލުއި ފަސޭހަ ހޯއްދަވައި ދެއްވުމަށް ކޮވިޑް ގެ އުނދަގޫ ދުވަސް ވަރު އޭޓީއެމްގެ ޚިދުމަތް ފަށައިދިން ކަމުގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ރަށްތައްކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެންމެ ގިނައިން ފެންނަމުން ދަނީ ބީއެމްއެލް ގެ އޭޓީއެމް މެޝިން ހުޅުއްވައި ދެއްވަމުން ގެންދަވާ މަންޒަރެވެ.

ރައީސް މުއިއްޒު ދާދި ފަހުން ބ. އަތޮޅާއި އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ އިތުރުން މިހާރު ހދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ވެސް އެންމެ ބޮޑަށް ފާހަގަވާ ކަމަކީ އޭޓީއެމް މެޝިން ހުޅުއްވައިދެއްވުން ކަން ގިނަ ބަޔަކު ފާހަގަ ކޮށް އެއީ ރައީސުލް ޖުމްހޫރިއްޔާ ފެންވަރުގައި ކުރަން ޖެހޭ ކަމެއްތޯ އަންނަނީ ސުވާލު ކުރަމުންނެވެ.

އޭޓީއެމް މެޝިން ގެ ޚިދުމަތް ރާއްޖޭގައި ދެމުން އަންނަތާ އެތައް އަހަރެއްވެފައިވާ އިރު އަދި ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއްގައި ހެން މި ޚިދުމަތް ދެމުން އަންނަ އިރު، އަދި ބީއެމްއެލް އިން ބަހައްޓާ މެޝިންތަކަކީ ސަރުކާރުގެ އެއްވެސް ދައުރެއް ނެތި، ޚަރަދެއް ވެސް ކުރަން ނުޖެހޭ އެއްޗަކަށް ވާއިރު ރައީސް ކުރައްވާ ކަމެއްގެ ގޮތުގައި މިކަން ދައްކަވަން މިއުޅުއްވާ ސަބަބާ ބެހޭ ގޮތުން ވެސް މީހުން އަންނަނީ ފާޑު ކިޔަމުންނެވެ.

މީގެ ކުރިން ބީއެމްއެލް އިން އޭޓީއެމް މެޝިން ބަހައްޓާ ހުޅުވަމުން ގެންދިޔަ އިރު އެއީ ގައުމީ ފެންވަރުގައި އެންމެ މަތީ ވެރިން ބައިވެރިވެގެން ކުރަމުން އައި ކަމަކަށް ނުވުމާއެކު މިހާރު މިކަން މިހިނގާ ގޮތުން ބައެއް މީހުން ބުނަނީ، ސަރުކާރަށް ދެ އަހަރު ވެގެން ދާ އިރު އެއް ކަމެއްވެސް ކުރެވިފައި ނުވާތީ އެކަމުގެ ލަދު ފިލުވަން ކުރަމުން އަންނަ ކަމެއް ކަމުގައެވެ.

2024 ވަނަ އަހަރު ނިމުނު އިރު ރާއްޖޭ ގައި 215 އޮޓޮމޭޓެޑް ޓެލަރ މެޝިން (އޭޓީއެމް) ޚިދުމަތް ލިބެމުން ދިޔަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބުނެފައެވެ.

2014 ވަނަ އަހަރު ފުރަތަމަ ތަޢާރަފުކުރެވުނު މި ޚިދުމަތުގެ ތެރޭގައި ފައިސާ އާއި ޗެކު ޖަމާކުރުމާއި، ފަންޑު ޓްރާންސްފަރ ކުރުމާއި، ބިލު ދެއްކުމާއި، ކްރެޑިޓް ކާޑު ޕޭމަންޓާއި އަދި ލޯނު އަނބުރާ ދެއްކުން ހިމެނޭ ކަމަށް އެމްއެމްއޭ އިން ޝާއިއު ކުރި "ޕޭމަންޓް ބުލެޓިން" ގައި ބުނެފައިވެއެވެ. މީގެ ފަހުން ބެހެއްޓިފައިވާ އައު އޭޓީއެމް ތައްވެސް ވަނީ މި މޮޑެލްއަށް ބަދަލު ކުރެވިފައެވެ.

2020 އިން ފެށިގެން ފަސް އަހަރުގެ ތެރޭގައި ޖުމުލަ އޭޓީއެމް ތަކުގެ އަދަދު ވަނީ 31 އިންސައްތަ އިތުރުވެފައެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 215 އޭޓީއެމް ހިދުމަތް ދެމުން ދިޔައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ. މި އޭޓީއެމްތަކުގެ ތެރެއިން 39 އިންސައްތަ ހުރީ ގްރޭޓަރ މާލެ ސަރަހައްދުގައެވެ. އަދި 61 އިންސައްތަ ހުރީ އެހެނިހެން ރަށްރަށުގައެވެ.

- ކޮމެންޓް