ހދ.މަކުނުދޫ ފެނުގެ ނިޒާމްގެ 75-80% މަސައްކަތް ނިންމީ ނިމިދިޔަ ސަރުކާރުން ކަމަށް މަކުނުދޫ ކައުންސިލް ރައީސް އައުޒަމް އާދަމް ވިދާޅުވެއްޖެއެވެ.
މަކުނުދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައެވެ.
މަކުނުދޫގެ ފެނާއި ނަރުދަމާގެ 45 ކިޔުބިކް މީޓަރުގެ 2 އާރުއޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ. އަދި 250 ކިޔުބިކް މީޓަރުގެ ފެން ރައްކާކުރާ 2 ޓޭންކު ވެސް ބަހައްޓާފައިވެއެވެ.އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި ނިންމީ އޭރުގެ ސަރުކާރުންކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކައުންސިލް ރައީސް ވިދާޅުވީ އެތަން މިހާރު ހުރީ ހުޅުވަން ތައްޔާރުވެފައި ކަމަށެވެ.
"މަސައްކަތް އެއްކޮށް ނިމިފައި މި ހުރީ. މިތަނުގެ ވެސް ކޮމިޝަންގެ މަސައްކަތް ކުރުން އޮތީ. ޚިދުމަތް ދެވޭނީ ކޮމިޝަންކޮށްގެން. ފެނުގެ ނިޒާމްގެ ޚިދުމަތް ދެވޭނީ ކޮމިޝަންކޮށްގެން. އަދި މިތަނަށް ބޭނުންވާ މުވައްޒަފުންނެއް ނުނެގޭ." މަކުނުދޫ ކައުންސިލް ރައީސް އައުޒަމް އާދަމް ވިދާޅުވިއެވެ.
މަކުނުދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާރުސީސީ ކުންފުންޏާއި އެވެ. މި މަސައްކަތަށް 64 މިލިޔަން ރުފިޔާ ޚަރަދުކުރައްވައެވެ.
ކުރީ ސަރުކާރުން ނިންމާފައި ނުވަތަ ބޮޑު ބައި ނިންމާފައިވާ މަސައްކަތްތަކުގެ ރިބަން ކަނޑާ ދެއްވާ، އެ މަޝްރޫޢުތަކުގެ ކްރެޑިޓް ނެންގެވުމަށް މަސައްކަތްކުރާ ކަމަށް ބުނެ އާއްމުން ދަނީ ސަރުކާރާއި ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ފާޑުކިޔަމުންނެވެ.