ޣައްޒާގެ ކުޑަ ކުދިންގެ ހައްގުގައި އަޑު އުފުލުމަށް ގޮވާލައި، ތުރުކީގެ ފަސްޓް ލޭޑީ އެމީން އުރުދުޣާންގެ ސިޓީއެއް، އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް އަށް ފޮނުއްވައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ އަށް، ތުރުކީގެ ފަސްޓް ލޭޑީ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ޣައްޒާގެ ކުޑަ ކުދިންގެ ޙާލަތާ ގުޅޭ ގޮތުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަ ދައްކަވައި، އެ ކުދިންނަށް އެހީތެރިވުމަށް ގޮވާލައްވައި ކަމަށެވެ.
ތުރުކީ އިން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ފަސްޓް ލޭޑީ، އެމެރިކާގެ ފަސްޓް ލޭޑީ އަށް ސިޓީ ފޮނުއްވާފައި ވަނީ އެކަމަނާ ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އަށް ފޮނުވި ސިޓީގެ ސަބަބުން ކަމަށެވެ. ޕުޓިން އަށް މެލާނިއާ ފޮނުއްވި ސިޓީގައި ފާހަގަ ކޮށްފައި ވަނީ ޔުކްރެއިންގެ ހަނގުރާާމައިގައި ތިބި ކުޑަ ކުދިންގެ ޙާލަތެވެ.
ހުކުރު ދުވަހު މެލާނިއާ އަށް ފޮނުއްވި ސިޓީގައި އެމިން ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ 648 ކުޑަ ކުދިންނާ ގުޅޭ ގޮތުން މެލާނިއާ ފާޅު ކުރެއްވި ޝުއޫރު އަދި ދެކިލައްވާ ގޮތް، ޣައްޒާގެ ކުޑަ ކުދިންނާ މެދު ވެސް ގެންގުޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން، މިއީ މުޅި ދުނިޔެ ވެސް އެކަމަކާ ދެކޮޅަށް ވާހަކަ ދައްކަމުން އަންނަ ހަނގުރާމައިގެ ދުވަސްވަރު ކަމަށް އެ ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މިއީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ގަތުމުގެ އަޑު ގަދަވެފައިވާ ދުވަސްވަރު ކަމަށް ވެސް ފާހަގަ ކުރައްވާފައިވެ އެވެ. އެހެންކަމުން ޣައްޒާ އާއި، ޣައްޒާގެ ކުޑަކުދިންނަށްޓަކައި މެލާނިއާ އެ ފަދަ ގޮވާލެއްވުމަށް ގޮވާލުމަކީ ތާރީޚީ ޒިންމާއެއް ކަމަށް ވެސް އެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
ބައިނަލްއަޤުވާމީ ބަނޑުހައި ހޫނު ކަމުގެ މޮނިޓަރިންގެ ނިޒާމުން މިދިޔަ ހުކުރު ދުވަހު ވަނީ، ޣައްޒާ ސިޓީ އާއި، އެ ސިޓީ ވަށައިގެންވާ ސަރަހައްދު ތަކުގައި ބަނޑުހައި ހޫނުކަން ފަތުރިފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެކަން އިތުރަށް ފެތުރިގެން ދާނެ ކަމަށާއި، އެކަމުގެ ސަބަބުން ޣައްޒާ އަށް އިތުރު އެހީ ވެއްވުމަށް ވެސް ބާރު އަޅާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.
އެކަމާ ގުޅިގެން އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެ ރިޕޯޓަކީ ދޮގު ރިޕޯޓެއް ކަމަށެވެ. އަދި އިސްރާއީލްގެ ސިޔާސަތަކީ ބަނޑުހައި ހޫނުކަން އުފެެއްދުން ނޫން ކަމަށާއި، އިސްރާއީލް އިން ބޭނުން ވަނީ އެކަން ހުއްޓުވުމަށް ކަމަށް ބުނެފައިވެ އެވެ.