Advertisement
ކ. މާލެ
|
24 އޯގަސްޓް 2025 | އާދީއްތަ 13:35
"ކަނބުލޮ"
"ކަނބުލޮ"
ރާއްޖެއެމްވީ
ކަނބުލޮ
"ކަނބުލޮ" 90 އަށްވުރެ ގިނަ ރަށުގައި ފިލްމު އަޅުވާނެ ދުވަސްތައް އިއުލާނުކޮށްފި
މި ވާހަކައަށް ބަލާއިރު 90 އަށްވުރެ ގިނަ ރަށުގައި ޝޯތައް ބޭއްވުމަށް މިހާރު އެ ހުރީ ޓިކެޓް ވިއްކާފައި
މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެއް

އޮލިމްޕަހުގައި މި މަހުގެ 31 ވަނަ ދުވަހު ރިލީސް ކުރުމަށް ހަމަ ޖެހިފައިވާ ފިލްމު ކަނބުލޮގެ 90 އަށްވުރެ ގިނަ ރަށުގައި ފިލްމު ދައްކާނެ ދުވަސް ކަނޑައަޅައި އިއުލާނުކޮށްފިއެވެ.

ރަށްރަށުގައި ފިލްމު އެޅުވުމުގައި އާއްމުކޮށް ކަންކުރާ އުސޫލަށްބަލާއިރު މިއީ ފިލްމުގެ ކާމިޔާބުކަން ފެންނަ ކަމެކެވެ.

"އާއްމުކޮށް ބަލާނީ ރަށަކުން އެޖެންޓަކު އަމިއްލައަށް އެދިގެން. ޓިކެޓް ވިކުނީމަ އޭނަ ބުނާނެ ޕްރޮޑިއުސަރ ގާތުގައި. އޭރަށް ދެން ޕްރޮޑިސަރ އާ ދެމީހުން ނިންމާނެ މާލީ ކަންކަން ދާނެ ގޮތެއް"

ރަށްރަށުގައި ފިލްމު އެޅުވުމުގެ މަސައްކަތް ކޮށް އުޅޭ އެޖެންޓަކު ބުންޏެވެ.

މި ވާހަކައަށް ބަލާއިރު 90 އަށްވުރެ ގިނަ ރަށުގައި ޝޯތައް ބޭއްވުމަށް މިހާރު އެ ހުރީ ޓިކެޓް ވިއްކާފައެވެ.

އެ ރަށެއްގައި ފިލްމު އަޅުވާ ދުވަސް ކަނޑައެޅުމުން"ކަނބުލޮ"ގެ ސޯޝަލް މީޑިއާގައި ޕޭޖްތަކުގައި އެކަން އިއުލާނުކުރަމުންގެންދެއެވެ.

"ކަނބުލޮ" ފިލްމު ހުށަހަޅައިދޭ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ އިން މިދިޔަ އަހަރު ނެރުނު "ކަމަނާވެސް ވަނީ 200 އަށްވުރެ ގިނަ ހައުސްފުލް ޝޯ ބާއްވާފައެވެ.

ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

މުޖުތަމަޢުގައި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ ތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު އެފަދަ ކަންކަން އެއްވެސް މިންވަރަކަށް ތަހައްމަލްނުކޮށް ރިޕޯޓްކުރުމަށް ފިލްމުގައި ހިތްވަރުދެއެވެ.

ހުސެން މުނައްވަރު ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، މަރިޔަމް އައްޒަ،އަހުމަދު ނިމާލް،ޝީލާ ނަޖީބު،އަހުމަދު އީސާ،ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާއެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ މި ފިލްމަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމެކެވެ.

ޔަޝްފާ ޢަބްދުލް ޣަނީގެ މި ވާހަކަށް ސްކްރީން ޕްލޭ ލިޔެފައިވަނީ ރާއްޖޭގައި ނެރެވުނު އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީން ޕްލޭ ލިޔުނު މަހުދީ އަހުމަދު އެވެ.

- ކޮމެންޓް