ކ. މާލެ
|
22 އޯގަސްޓް 2025 | ހުކުރު 21:55
ޣައްޒާ އާ ކައިރި ސަރަހައްދެއް ގައި އިސްރާއީލުގެ ސިފައިން ޓޭންކްތައް ތައްޔާރު ކުރަނީ - 18 އޮގަސްޓް 2025
ޣައްޒާ އާ ކައިރި ސަރަހައްދެއް ގައި އިސްރާއީލުގެ ސިފައިން ޓޭންކްތައް ތައްޔާރު ކުރަނީ - 18 އޮގަސްޓް 2025
ގެޓީ އިމޭޖަސް
ޣައްޒާ ހަނގުރާމަ
ހަމާސް އިން އިސްރާއީލުގެ ޝަރުތުތަކަށް އެއްބަސް ނުވެއްޖެ ނަމަ ޣައްޒާ ސިޓީ ފަނާ ކޮށްލާނެ ކަމުގެ އިންޒާރު ދީފި
ހަމާސް އިން އިސްރާއީލުގެ ޝަރުތުތަކަށް އެއްބަސް ނުވާނަމަ، ޣައްޒާ ސިޓީ ފަނާ ކުރާނެ ކަމަށް އިސްރާއީލުގެ އަސްކަރީ ވަޒީރު އިންޒާރު ދިން އިރު މިހާރުވެސް 62،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން އިސްރާއީލުގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ ދިފާއީ ޖަމާއަތް ކަމުގައިވާ ހަމާސް އިން އިސްރާއީލުގެ ޝަރުތުތަކަށް އެއްބަސް ނުވާ ނަމަ ޣައްޒާ ސިޓީ ފަނާ ކޮށްލާނެ ކަމަށް ބުނެ އިސްރާއީލުގެ އަސްކަރީ ވަޒީރު އިންޒާރު ދީފިއެވެ.

މި އިންޒާރު އައިސްފައި ވަނީ އިސްރާއީލުގެ ބާރުތަކުން ގާތްގަނޑަކަށް މިލިއަނެއްހާ ފަލަސްތީނު މީހުން ހިޖުރަކުރި މަދަނީ ރައްޔިތުން ދިރިއުޅޭ އެ ސިޓީ އަށް ވަރުގަދަ ހަމަލާއެއް ދީ އެ ސިޓީ ހިފުމަށް ތައްޔާރު ވަމުންދާ ކަމަށް އިއުލާނު ކޮށްފައިވާ ވަގުތެއްގައެވެ.

އިސްރާއީލުން މިފަދަ ހަމަލާ އެއް ނުދިނުމަށް ބައިނަލް އަގްވާމީ މުޖްތަމައުންނާއި އެހީދޭ އެޖެންސީ ތަކުން ހުއްޓުމެއް ނެތި އަންނަނީ ގޮވާލަމުންނެވެ.

އިސްރާއީލުން ކުރާ ޝަރުތުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ބަންދު ކޮށްފައިވާ ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލުމާއި އެ ޖަމާއަތުން ހަތިޔާރު ބެހެއްޓުމެވެ.

އިސްރާއީލުގެ އަސްކަރީ ވަޒީރު އިސްރާއީލް ކަޓްޒް ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އެ ގޮތައް ހަމާސް އިން އަމަލު ނުކޮށްފިނަމަ، ޝަރުތުތަކަށް އެއްބަސް ވަންދެން "ނަރަކައިގެ ދޮރުތައް ހުޅުވޭނެ" ކަމަށެވެ.

"އެމީހުން އެއްބަސް ނުވާނަމަ، ހަމާސްގެ ވެރިކަން ހިންގާ ޣައްޒާ ވާނީ ރަފަހް އާއި ބައިތް ހަނޫން ފަދައިން" އޭނާ އިތުރަށް ބުނެފައިވެއެވެ. މިއީ އިސްރާއީލުގެ ދެ އަހަރާ ގާތްކުރާ ނަސްލު ފޮހެލުމުގެ ހަނގުރާމައިގައި މިހާރު ވެސް ސުންނާފަތި ކޮށްލާފައިވާ އެ ސަރަހައްދުގެ ދެ ސިޓީއެކެވެ.

އިސްރާއީލުން ވަނީ ޣައްޒާ ސިޓީ ހިފުމަށް ތައްޔާރު ވުމުގެ ގޮތުން 60،000 ރިޒާވް ސިފައިން ނުކުތުމަށް އަމުރު ކޮށްފައެވެ.

އދ ގެ އޮފިޝަލުން އިންޒާރު ދެމުން ދަނީ މި ހަމާލާގެ ސަބަބުން އެތައް ހާސް މީހުން ހިޖުރަ ކުރަން މަޖުބޫރުވެ، އިސްރާއީލުން ކާނާ އާއި، ތެލާއި، ބޭސް ފަރުވާގެ ތަކެއްޗަށް ހުރަސް އަޅާފައި ވުމުގެ ސަބަބުން މިހާރު ވެސް ބަނޑަށްޖެހިފައިވާ ޣައްޒާގެ އާބާދީ އަށް އިތުރު މުސީބަތްތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ.

އެހީދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި މި ބްލޮކޭޑްގެ ސަބަބުން ޣައްޒާ ވަނީ "ކުޑަކުދިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ" މައިދާނަކަށް ބަދަލުވެފައެވެ. ޣައްޒާ ސިޓީ ގައި މަދުވެގެން ކޮންމެ ތިން ކުއްޖަކުން އެކަކީ މިހާރު ކާނާ ނުލިބުމުގެ ސަބަބުން ބަލިކަށިވެފައިވާ ކުދިންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހުގެ ރޭ ބުނެފައިވާ ގޮތުގައި އޭނާ ވަނީ ޣައްޒާގައި ބާކީ ތިބި ހުރިހާ ރަހީނުން އިސްރާއީލަށް ޤަބޫލު ކުރެވޭ ޝަރުތުތަކެއްގެ މަތިން" ދޫކޮށްލުމަށް "ވަގުތުން މަޝްވަރާ ކުރުމަށް" އަމުރު ކޮށްފައެވެ.

ނަތަންޔާހޫ ބުނެފައިވާ ގޮތުގައި ރަހީނުން ދޫކޮށްލުމަށް ކުރާ މަސައްކަތާއެކު، ޣައްޒާ ސްޓްރިޕްގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ޣައްޒާ ސިޓީ ހިފުމަށް އަމާޒުކޮށްގެން ދޭ ހަމަލާ ވެސް ކުރިއަށް ދާނެއެވެ.

ހުސްވި ހަފްތާގެ ބުދަ ދުވަހު ހަމާސް އިން ވަނީ ގަތަރާއި މިސްރު މެދުވެރިގެން ހުށަހެޅި ހަނގުރާމަ މެދުކަނޑާލުމުގެ ހުށަހެޅުމަށް އެއްބަސް ވެފައެވެ. އެއީ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓުމަކަށް ގެނައުމެވެ. މީގެ ތެރޭގައި ހިމެނެނީ ޣައްޒާގައި ހިފަހައްޓާފައިވާ މީހުންގެ ދެބައިކުޅަ އެއްބައި ދޫކޮށްލުމާއި އަދި އޭގެ ބަދަލުގައި އިސްރާއީލުން އެތަނުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބަޔަކު ދޫކޮށްލުމެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ޣައްޒާގައި ދެ އަހަރާ ގާތްކުރާ ނަސްލު ފޮހެލުމުގެ ހަނގުރާމަ ނިންމާލުމަށް ފުރިހަމަ އެއްބަސްވުމަކަށް ވާސިލުވުމަށް މަޝްވަރާ ކުރުމެވެ.

ޤަތަރުން ބުނެފައިވާ ގޮތުގައި މި ހުށަހެޅުމަކީ އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހަޅާފައިވާ ހުށަހެޅުމާ ވަރަށް އެއްގޮތް އަދި އިސްރާއީލުން ޤަބޫލު ކޮށްފައިވާ ހުށަހެޅުމެކެވެ. ނަމަވެސް މެދުވެރިންނަށް އަދިވެސް އިސްރާއީލުގެ ސަރުކާރުން މި ޕްލޭނަށް ޖަވާބެއް ދީފައެއް ނުވެއެވެ.

ޣައްޒާ ގައި އިސްރާއީލުން ހިންގަމުންދާ ލޭއޮހުރުވުން ތަކުގައި މިހާތަނަށް 62،190 އަށްވުރެ ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

- ކޮމެންޓް