މާލޭގެ ރޯ މަސް މާރުކޭޓު އެޅުމަށް ދެ ކޮންޓްރެކްޓް ހަދާފައި އެބަ އޮތް ކަމަށާއި އޭގެ ތެރެއިން ރަނގަޅު ކޮންޓްރެކްޓަކީ އަދި ކޮބައިކަން ނޭނގޭ ކަމަށް މޭލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 208 ވަނަ ރަސްމީ އާންމު ޖަލްސާ ގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މަސް ކާރުކޭޓަށް ދެވަނަ ކޮންޓްރެކްޓެއް ހަދާފައި ވަނީ އާޒިމް އިންތިޚާބުވުމުގެ ކުޑަ ދުވަސް ކޮޅެއް ކުރިން ކަމުގައެވެ. އެއީ ކުރީގެ ސަރުކާރު ނިމުނު ފަހުން ކަމަށް ވެސް އާޒިމް ފާހަގަ ކުރެއްވިއެވެ.
ފުރަތަމަ ކޮންޓްރެކްޓް ރަނގަޅަށް ގޮސްފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެހެން ނަމަވެސް އެ ކޮންޓްރެކްޓް ގައި ވެސް މައްސަލަ ހުރިކަމަށް އާޒިމް ވިދާޅުވިއެވެ.
ފަހުގެ ކޮންޓްރެކްޓް ހަދާފައި ވަނީ ވަރަށް ބޮޑަށް ކައުންސިލަށް ގެއްލުންވާ ގޮތައް ކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ ދެވަނަ ކޮންޓްރެކްޓް ގައި ސޮއި ކޮށްފައިވަނީ ލީގަލް ކައުންސެލް އަލީ ނަސީރު ކަމަށެވެ.
ފުރަތަމަ ކޮންޓްރެކްޓްގެ އަގަކީ 1.6 މިލިއަން ޑޮލަރު ކަމަށާއި، ދެވަނަ ކޮންޓްރެކްޓްގެ އަގަކީ 9.6 މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އޮންނާނެ ދެވަނަ ކޮންޓްރެކްޓަކަށް ވަންނަން ޖެހުނު ސަބަބު ކިޔައިދޭން ލީގަލް ކައުންސެލް އަށް ފޮނުވާފައި،" އާޒިމް ވިދާޅުވިއެވެ.
"ކިހިނެއް، ކޮން ހަމައަކުން، ކާކު ބުނެގެން ސޮއި ކުރެވުނު އެއްޗެއްތޯ، ބިޑު ކޮމިޓީން ނިންމި ނިންމުން ކޮބާތޯ ސާފު ކުރަން އެދިފައިވާނެ" ކަމަށް އާޒިމް ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ އެހެން މެމްބަރުންނަށް އިޝާރާތް ކުރައްވާ، ތިއިން ބޭފުޅަކަށް ވެސް މި ކޮންޓްރެކްޓް ގައި ސޮއިކުރިކަން އެނގިވަޑައިގަންނަވާ ހެން ހީ ނުވާ" ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މައުލޫމާތު އަހައިގެން ސާފު ކުރަން ޖެހެނީ ލިޔެކިޔުން ފެންނަން ނެތުމުން ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ އީމެއިލް ރީސެޓް ވެގެން ދިއުން ވެސް "ވަރަށް ބައިވަރު ޑޮކިއުމެންޓްތައް" ގެއްލެން ދިމާވި ސަބަބެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
ފަހުން ސޮއިކުރި މަސް މާރުކޭޓުގެ އެއްބަސްވުމުގައި އޮތް ގޮތުން ކޮންޓްރެކްޓް އަގުގެ ގޮތުގައި ދައްކަން ޖެހޭ 9.6 މިލިއަން ޑޮލަރަކީ "މާލެ ސިޓީ ކައުންސިލް އަށް ދެއްކޭނެ ފައިސާ އެއް ނޫން" ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލޭ މަސް މާރުކޭޓް އަޅަން 9.6 މިލިއަން ޑޮލަރަށް އެއްބަސްވުމެއްގައި ސޮއި ކުރި ސަބަބެއް އެނގޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފެންނަން ނެތް ކަން ތަކުރާރު ކޮށް އާޒިމް ފާހަގަ ކުރެއްވިއެވެ.
އާޒިމް ވިދާޅުވީ މިހާރު ކޮންޓްރެކްޓް އޮތް ގޮތުން މި ފައިސާ ނުދެއްކިއްޖެ ކަމަށް ވާ ނަމަ، "މުޅި އިމާރާތް އެއްކޮށް އެމީހުންނަށް ލިބޭ" ކަމަށެވެ. އަދި އެ ގޮތައް އެމީހުންނަށް އެ ބިން ލިބޭ އިރު އެތަނުގައި މަސް މާރުކޭޓެއްވެސް ލޯކަލް މާރުކޭޓެއް ވެސް ނޭޅޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ތަކުރާރު ކޮށް ވިދާޅުވީ، "ދެވަނަ ފަރާތައް ކޮންޓްރެކްޓް ދެވުނީ ކިހިނެއް ކަމެއްވެސް އެނގޭކަށް ނެތް،" ކަމުގައެވެ.
އާޒިމް ފާހަގަ ކުރެއްވި ގޮތުގައި ދެ ކޮންޓްރެކްޓް ގެ ނަންބަރަކީ ވެސް އެއް ނަންބަރެކެވެ.
އާޒިމް ވިދާޅުވީ މަޝްރޫއު ނުފެށިގެން އުޅެނީ "މިވަރަށް އޮޅުން ބޮޅުން އަރާފައި" އޮތް ކަމެއް ކަމަކަށް ވެފައި، ސޮއި ކުރި އަގަށް ވާ ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، މަޝްރޫއު ހިންގަން ހަމަ ޖެހިފައި އޮތް ތަނުގައި މިހާރު ހުރި ގޮޅިތައް އެހެން ތަނަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ވަކި އަގެއް ހޯދައިގެން މަޝްރޫއުގެ ބޭރުން އެހެން ބަޔަކަށް ހަވާލު ކޮށްފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ، އެ މަސައްކަތުގެ "ބިޑު ޑޮކިއުމެންޓް ވެސް ފެންނަން ނެތް" ކަމަށެވެ.
އެހެން ނަމަވެސް 2.1 މިލިއަން ރުފިޔާ އަށް އެ މަސައްކަތް ބަޔަކަށް ދީފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.