Advertisement
ކ. މާލެ
|
22 އޯގަސްޓް 2025 | ހުކުރު 13:11
އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑު އަހަނީ
އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑު އަހަނީ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ކަސިޔާރުވާ ޒުވާނުންނަށް އޯގާތެރިކަމާއެކު ހެޔޮމަގު ދައްކައިދިނުމަކީ އުއްމަތަށްޓަކައި އަދާކުރަންޖެހޭ ވާޖިބެއް: ޚުތުބާ
އިންސާނީ ނަސްލު ދުނިޔޭގައި ލެއްވެވީ އެއްވެސް މަގުސަދެއް ނެތި، ބޭކާރު ގޮތެއްގައެއް ނޫން
އުންމަތުގެ މުސްތަގުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާއެއް ގޮތަށް މުޖުތަމައުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ބައްޓަންވެގެން
މުޖުތަމައުގައި ފެތުރެމުންދާ ދީނާ ދުރު ކަންކަމާ މެދު ހޭލުންތެރިވާންޖެހޭ

ކަސިޔާރުވާ ޒުވާނުންނަށް އިލްމާއި ހިކުމަތާއި އޯގާތެރިކަމާއެކު ހެޔޮމަގަށް މަގުދައްކައިދޭން ޖެހޭ ކަމަށާއި، މިއީ އުންމަތަށްޓަކައި އަދާކޮށްދޭން ޖެހޭ ވާޖިބެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ރަނގަޅު މުޖުތަމައެއް ބިނާކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، ﷲ تَعَالَى އިންސާނީ ނަސްލު ދުނިޔޭގައި ލެއްވެވީ އެއްވެސް މަގުސަދެއް ނެތި، ބޭކާރު ގޮތެއްގައެއް ނޫން ކަމަށާއި، ކޮންމެ ހާލެއްގައި ވެސް އިންސާނާއަށް އެންމެ މަސްލަހަތު ހުރި ގޮތް އެންމެ މޮޅަށް ދެނެ ވޮޑިގެންވަނީ، އެ އިންސާނާ ޚަލްގުކުރެއްވި ޚާލިގުވަންތަ ﷲއެވެ. އެ ކަލާނގެ އިންސާނާގެ ހަޔާތް ބައްޓަންކުރަންވީ ހެޔޮ މަގު ދެއްކެވުމަށް ޓަކައި ނަބީބޭކަލުން ފޮނުއްވިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ، މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުސަތަކީ މުސްލިމް ޒުވާނުން އިސްލާމްދީނާއި އިސްލާމީ ޝަރީއަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފަހި ފުރުސަތު ކަމަށާއި، އިސްލާމީ ޝަރީއަތުގެ ރިވެތިކަމާއި ފުރިހަމަކަމާ މެދު އެ ޒުވާނުން ހޭލުންތެރިކުރުމުގެ ފަހި ފުރުސަތު ކަމަށެވެ.

އިސްލާމީ ޝަރީއަތުގެ ރިވެތިކަމާއި ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން އަގީދާއާއި، އީމާންތެރިކަމުގެ ހަގީގީ ރޫހާ ދުރު މަގުތަކަށް ބައެއް ޒުވާނުން ކަސިޔާރުވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި ކަމާ މެދު މާޔޫސްވެފައި ތިބުމުގެ ބަދަލުގައި، ރިވެތި ގޮތުގައި ނަސޭހަތްތެރިވެ، އިލްމާއި ހިކުމަތާއި އޯގާތެރިކަމާ އެކު، އެ ޒުވާނުންނަށް ހެޔޮމަގަށް މަގުދައްކައިދޭން ޖެހޭ ކަމަށެވެ. މިއީ މިއަދު ފަރުދީ ގޮތުން ކޮންމެ މުސްލިމަކު ވެސް، އުންމަތަށް ޓަކައި އަދާކޮށްދޭން ޖެހޭ ވާޖިބެއް ކަމަށާއި، ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ހުރީ، އިސްލާމީ ޝަރީއަތާ އެއްގޮތަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ބައްޓަންކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، އިސްލާމް ދީނުގެ އަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި، މުސްލިމުންނާއި، އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުތައް އުފައްދާ ކަމަށާއި، މިކަމުގެ ވިހަ އަސަރު ތައުލީމާއި ތަރުބިޔަތަށް ވެސް ފޯރާފައިވާ ކަމަށެވެ. ޅަދަރީންގެ ސިކުނޑިތައް ދޮވެވި، އެ ކުދީން ފިތުރަތުގެ މަގާ ދުރަށްދާ ކަމަށާއި، މާއްދިއްޔަތަށް ގޮސް ހުސްވެ، އުންމަތުގެ މުސްތަގުބަލު ބަނަވެ އަނދިރިވަމުންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އުންމަތުގެ މުސްތަގުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއް ގޮތަށް މުޖުތަމައުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ބައްޓަންވެގެން ކަމަށާއި، ޅަފަތުގައި އިސްލާމްދީނުގެ މަތިވެރި ޝިއާރުތަކާއި ޝަރީއަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއަދު މުޖުތަމައުތަކުގައި އިސްލާމީ ޝަރީއަތުގެ ވާހަކަ ދެއްކުމުން ގިނަ މީހުންނަށް ވިސްނެނީ އެއީ، ވައްކަންކުރާ މީހާގެ އަތްކެނޑުމާއި، ޒިނޭކުރާ މީހާ ރަޖަމުކުރުމާއި، މީހެއްގެ ލޭ އޮހޮރުވައިލައިފި މީހާގެ ކިބައިން ޤިޞާޞްހިފުން ކަމުގައެވެ. ހަގީގަތަކީ، އިސްލާމީ ޝަރީއަތުގެ ބިންގަލުގެ މަތީގައި މުޖުތަމައެއް ބިނާވުމުން މިނިވަންކަމާއި، އަމާންކަމާއި، ތަރައްގީއާއި، ކުރިއެރުން އެ މުޖުތަމައަކަށް ލިބުމުވެ. އުންމަތުގެ މާޒީ މި ކަމަށް ހެކިދެއެވެ. مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީން އެ ރަށަކީ އަނިޔާވެރިކަމާއި ހަމަނުޖެހުން އާންމުވެފައިވާ ރަށެކެވެ. ހިޖުރައަށް ފަހު އެ ރަށްވީ އިސްލާމީ ޝަރީއަތާ އެއް ގޮތަށް ބިނާކުރެވުނު ފުރަތަމަ މުޖުތަމައަށެވެ. ނަތީޖާއަކީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އިލްމީ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި، އިގުތިސާދީ ގޮތުންނާއި، އުމްރާނީ ގޮތުން ދުނިޔެ އަޖައިބު ކުރުވަނިވި އެތައް ތަރައްގީއެއް އެ ރަށަށް ލިބުމެވެ. އިސްލާމީ ފުތޫޙާތުތަކަށް ފަހުގައި ބިނާވި ބޮޑެތި ރަށްތަކާއި މުޖުތަމައުތަކަށް ބެލުމުން މި މަންޒަރު ވަރަށް ސާފުވެއެވެ.

ހުކުރު ޚުތުބާ

މުސްލިމުން އިސްލާމީ ޝަރީއަތުގައި ސާބިތުވެ އެއްބައިވަންތަކަންމަތީ ތިބިއިރު، އިސްލާމީ އުންމަތަކީ އާރާއި ބާރުހުރި އިތްޒަތްތެރި އުންމަތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މިއަދު މުސްލިމުން ބައިބައިވެ ބާރުނެތި ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުމުގެ ސަބަބަކީ އިސްލާމީ ތައުލީމާ ދުރުވެ، އިސްލާމީ ޝަރީއަތާ ބީރައްޓެހިވުން ކަމަށެވެ. އަދި އުންމަތުގެ އިއްޒަތާއި ގަދަރު އަނބުރައި ލިބޭނީ، ﷲގެ މަގަށް މީސްތަކުން އެނބުރުމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، މިހާރަކަށްއައިސް ޒުވާނުންގެ ތެރޭގައި އިސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރާ ކަމަށެވެ. ކުރިއެރުމާއި ތަރައްގީކަމުގައި ބުނެ، އައުރަ ނިވައިނުވާ ގޮތަށް ދެޖިންސުގެ ޒުވާނުން ހެދުން އެޅުން އާންމުވަމުންދާ ކަމަށާއި، ފިރިހެނުން އަންހެނުން ގޮތަށް އަންހެނުން ފިރިހެނުން ގޮތަށް ހެދުން އެޅުން އާންމުވަމުންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ފިރިހެނުން ކަންފަތް ތޮރުފުމާއި ދެ ޖިންސުގެ ޒުވާނުން ޓެޓޫ ޖެހުމާއި، ފިރިހެނުން އަންހެނުންނާ އެއް ގޮތްވާ ގޮތަށް އިސްތަށިގަނޑު ދިގުކުރުން ފަދަ ކަންކަން އާދައިގެ ކަންކަންކަމުގައި ހަދަމުންދާ ކަމަށެވެ.

މި ކަންކަމަކީ ލަޢުނަތް ލެއްވިގެންވާ ޙަރާމް ކަންކަމެވެ. اِبْنُ عَبَّاس رضي اللهُ عَنْهُمَا ވިދާޅުވިއެވެ. (لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمُخَــنَّــثِــيْنَ مِنَ الرِّجَالِ، وَالْمُتَرَجِّلَاتِ مِنَ النِّسَاءِ، وَقَالَ: أَخْرِجُوْهُمْ مِنْ بُيُوْتِكُمْ). މާނައީ: "ހަމަކަށަވަރުން ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގެން އުޅޭ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގެން އުޅޭމީހުންނަށް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ލަޢުނަތްލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. އެފަދަ މީހުން ތިޔަބައި މީހުންގެ ގޯތިގެދޮރުން ނެރޭށެވެ!"

ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ މުޖުތަމައުގައި ފެތުރެމުންދާ މި ފަދަ ދީނާ ދުރު ކަންކަމާ މެދު ހޭލުންތެރިވާންޖެހޭ ކަމަށެވެ.

ދީނީ ތައުލީމަށް އިތުރު މުހިންމުކަމެއް ދޭންޖެހޭ ކަމަށާއި، ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިއާރުތަކާއި ސަގާފަތްތައް ދިރުވައި އާލާކުރާންޖެހޭ ކަމަށެވެ. އަދި މުޖުތަމައުގެ އެންމެހައި އަފްރާދުންނަކީ ހެޔޮ ކަންކަމަށް އަމުރުކުރާ ނުބައި ކަންކަން މަނާކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި، ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީނުގައި ސާބިތުވެ، އިސްލާމީ ޝަރީއަތަށް އަމަލު ކުރުމުން ކަމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

- ކޮމެންޓް