ސަރުކާރު ހިއްސާވާ ކުންފުނި ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ ކަމަށްބުނެ، ބ. ތުޅާދޫ ކައުންސިލް އިމާރާތުގެ އެތެރެއާއި ބޭރުގައި މުޒާހަރާ ކޮށްފިއެވެ. ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ޒުވާނުންގެ ބައިވެރިވުމާއެކު ކުރި މި މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެއެވެ. ބުރާސްފަތި ދުވަހުގެ މެނދުރު 1 ޖެހިހާއިރި ފެށި މި މުޒާހަރާ ނިންމާލާފައިވަނީ 3 ގަޑިއިރެއްހާ އިރު ފަހުން ހަވީރު 4 ޖެހިހާއިރު އެވެ.
މިކަމާގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން، ބ. ތުޅާދޫ ކައުންސިލް މެމްބަރު އިސްމާއިލް ދާވޫދު ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުން ތުޅާދޫ ކައުންސިލްގެ އިމާރާތުގެ އެތެރޭގަ އަދި ބޭރުގައިވެސް މުޒާހަރާ ކުރި ކަމުގައެވެ. މުޒާހަރާ ކުރަމަންދިޔަ ފަރާތްތައް ގޮވަމުންދަނީ ރަށުގައި ހުރި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދެއްކުން ހުއްޓާލުމަށެވެ. އަދި ވަޒިފާއިން ވަކިކޮށްފާއިވާ އެރަށުގެ ޔޫތް އެސޯސިއޭޓްގެ މަގާމުގައި ހުރި އާދިލް އަބްދުއް ރަހްމާން ގެ ވަޒީފާ އަނބުރާ ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަކަމަށް ދާވޫދު ވިދާޅުވިއެވެ.
އަދި ރައީސްގެ ދަތުރުފުޅަށްފަހު ތުޅާދޫ ޕީއެންސީގެ އިސް ފަރާތްތަކުގެ ފަރާތުން، ވަޒީފާގެ ބިރު ދެއްކުން އިތުރުވެފައިވާ ކަމަށް މުޒާހުރާ ކުރާ ފަރާތްތަކުން ބުނަމުންދިޔަ ކަމަށް ދާވޫދު ފާހަގަ ކުރެއްވިއެވެ.
އެންމެ ފަހުން ރައީސް މުއިއްޒު ތުޅާދޫއަށް ކުރެއްވި ދަތުރުގައި ރައީސް އަށް މަރުހަބާ ދެންނެވުމަށް ބަނދަރަށް ނުކުތުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުންނަށް މަޖުބޫރިކުރުވި ކަމަށްވެސް މުޒާހަރާ ކުރާ ބައިވެރިން ބުނަމުންދިޔަ އެވެ.
މުޒާހަރާގެ ބައިވެރިޔަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ ރައީސް އަށް މަރުހަބާ ދެންނެވުމަށް ބަނދަރަށް ނުނިކުންނަ މުއައްޒަފުންނަށް ފިޔަވަޅު އަޅާނެކަމަށް އިންޒާރު ދީފައިވާ ކަމަށެވެ. އަދި ބަނދަރަށް ނުކުންނަ މުއައްޒަފުންގެ ހާޒިރީ ބެލޭނެ ކަަމަށް ބުނެ، ޗުއްޓީގައި ތިބި މުއައްޒަފުންވެސް ރައީސް އަށް މަރުހަބާ ދެންނެވުމަށް ނިކުންނަން ޖެހޭނެ ކަމަށް މުއައްޒަފުންގެ ގްރޫޕް ތަކުގައި އަންގާފައިވާ ކަމުގައެވެ.
އެގޮތުން ތުޅާދޫ ފެނަކަ އޮފީހުގެ ފަރާތުން މުއައްޒަފުންނަށް ފޮނުވާފައިވާ މެސެޖެއްކަމަށް ބުނާ ވައިބަރ މެސެޖެއްގެ ކޮޕީ ރާއްޖެ އެމްވީއަށް ލިބިފައިވެއެވެ. އެމެސެޖުގައި، ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް ޗުއްޓީގައި ތިބި މުއައްޒަފުން ހިމެނޭހެން ހުރިހާ މުއައްޒަފުން ހާޒިރުވުމަށް އަންގާފައިވެ އެވެ. އަދި މި އިވެންޓުގެ ހާޒިރީ ނެގޭނެކަމަށްވެސް އެމެސެޖުގައި ބުނެފައިވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ތުޅާދޫ ފެނަކަ ބްރާންޗްގެ މެނޭޖަރުގެ ގިނަ މައްސަލަތަކެއް ފާހަގަ ކޮށް 43 މުވައްޒަފުންގެ ސޮޔާއި އެކު ފެނަކައަށް ޕެޓިޝަނެއް ހުށަހެޅުމުން، އެކަމުގައި އިސްކޮށް އުޅުނު 5 މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވެއެވެ.
މުވައްޒަފުން ހުށަހެޅި ޕެޓިޝަން ގައި ވަގުތީ މެނޭޖަރު އަލީ ނިމާލް އާ ބެހޭ ގިނަ މައްސަލަ ތަކެއް ވަނީ ފާހަގަ ކޮށްފައެވެ. ޕެޓިޝަނުގައިވެސް އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ވަޒީފާ ގެ ބިރު ދެއްކުމުގެ މައްސަލަތަކެވެ. މީގެ އިތުރުން ތަފާތު ކުރުން ގެންގުޅުމާއި، ކުދިކުދި ކަންކަމުގައި ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަބުތައް ދިނުމާއި އަނެއް ބައި މުވައްޒަފުން ބޮޑެތި ކުށް ކުރި ކަމުގައި ވިޔަސް އެއްވެސް ފިޔަވަޅެއް ނޭޅުން ފަދަ ކަންކަން ވަނީ ފާހަގަ ކޮށްފައެވެ.