އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ބުދަ ދުވަހުގެ ރޭ އުކުޅަހުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރަށުގެ ތަރައްގީއަށްޓަކައި، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތައް ފުއްދެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ އަދި ކުރިއަށްހުރި ބައެއް މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މަޝްރޫއުތަކަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ވަރަށް ގާތުން ބައްލަވައިގެން، ހަލުވި ދުވެލީގައި މަސައްކަތްކޮށް ނިންމަވައިދެއްވާނެ މަޝްރޫއުތަކެއްކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އުކުޅަހު ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ އެއްބަސްވުމާއި، އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ގާއިމްކުރުމުގެ މަޝްރޫއުގެ އެއްބަސްވުން، އަދި، އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާއިރު، މި މަޝްރޫއުތަކަކީ ރަށަށް ނުހަނު ބޭނުން މަޝްރޫއުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
އުކުޅަހަކީ ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށާ، ރައްޔިތުންކުރާ މަސައްކަތާއިގެން ކުރިއަށް ދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އުކުޅަހުގެ އަދުގެ ހާލަތަށް ބަލާއިރު، މިވަގުތު ރަށަށް އެންމެ ބޮޑުވެފައި ވަނީ ގޯތިގެދޮރުގެ މައްސަލަކަމުގައި ވާއިރު، މިހާރު ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫއު ނިމިގެންދާއިރު އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ އުކުޅަހުގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެގޮތުން ލޭންޑްޔޫސް ޕްލޭން ފާސްކުރައްވާނީ 250 ގޯތި ދެވޭ ގޮތަށް އިސްލާހު ގެންނަވާފައި ކަމަށާ، އެ ގޯތިތައް ދޫކުރުމުގެ ހުއްދަ، އަންނަ ހަފުތާ ތެރޭގައި ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިކަންކަމުގެ އިތުރުން، އުކުޅަހުގެ ސިއްހީ ދާއިރާއާއި އުމްރާނީ ތަރައްގީގެ ދާއިރާއިންވެސް މަސައްކަތްތަކެއް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ލޯކަލް ޓޫރިޒަމަށް އިޝާރާތް ކުރައްވައި ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ސަބަބުން ކުޑަކުދިންނާއި މުޖުތަމައު ނުރަނގަޅު ކަންކަމަށް ހުށަހެޅޭ ކަމަށް ވިދާޅުވެ، ލޯކަލް ޓޫރިޒަމް ސިނާއަތަށް އޮތް ނުރުހުން ރައީސް މުއިއްޒު ފާޅު ކުރައްވާފައިވެއެވެ.
ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް މިސަރުކާރުގައި މިހާތަނަށް އުކުޅަހުގައި ވެސް އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކޮށްފައިނުވެއެވެ.