Advertisement
ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 13:22
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
އއ.އަތޮޅު
އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފި
ރައީސްގެ މިދަތުރުފުޅާ ހަމައަށް އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވޭ
ލޯކަލް ޓޫރިޒަމް ސިނާއަތަށް އޮތް ނުރުހުން ފާޅުކުރައްވާފައިވޭ
އެމަނިކުފާނުގެ ދަތުރުފުޅާ ގުޅުވައިގެން ބައެއް ރަށްރަށުގެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ގެންގޮސްފައިވޭ

އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތެވެ.

އެގޮތުން އެމަނިކުފާނު ވަނީ، ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަނީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ތައާރަފުކުރައްވާފައެވެ. އަދި އެ އަތޮޅު މާޅޮސް، ހިމަންދޫ، ފެރިދޫ އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީގޮތުން ފައްޓަވާފައެވެ.

މީގެ އިތުރުންވެސް، މި ދަތުރުފުޅުގައި ވަނީ އެ އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، އެކި ދާއިރާތަކުން، ތަރައްގީގެ މަސައްކަތްތައް ފައްޓަވައި، މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. އަދި މި ހިނގާ 2025 ވަނަ އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސްއެ ރަށްރަށުގެ ރައްޔިތުންނާ ވަނީ ހިއްސާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ ސަބަބުން ކުޑަކުދިންނާއި މުޖުތަމައު ނުރަނގަޅު ކަންކަމަށް ހުށަހެޅޭ ކަމަށް ވިދާޅުވެ، ލޯކަލް ޓޫރިޒަމް ސިނާއަތަށް އޮތް ނުރުހުން ފާޅުކުރައްވާފައިވެއެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށާއި ލާމަރުކަޒީ ގާނޫނަށް އިތުރު ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒުގެ މިދަތުރުފުޅާ ހަމައަށް އއ.އަތޮޅުގެ އެއްވެސް ރަށެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވެއެވެ. ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ވެސް ވަނީ ހުއްޓުވާފައެވެ. ނަމަވެސް އެމަނިކުފާނުގެ ދަތުރުފުޅާ ގުޅުވައިގެން ބައެއް ރަށްރަށުގެ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްއާއި، ސާމާނު ވެސް ގެންގޮސްފައިވެއެވެ. އެގޮތުން ރަސްދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ވެސް އެރަށަށް ހިލަ ބާޖަކާއި ހައިމާކެއް ގެންގޮސްފައިވަނީ އެމަނިކުފާނު ރަސްދޫއަށް ވަޑައިގެންނެވުމުގެ ދެގަޑިއިރު ކުރިންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސް ވަރަށް އަހުމިއްޔަތުކަންދެއްވާ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

- ކޮމެންޓް