މައިކްރޮސޮފްޓް ކޯޕަރޭޝަން އިން، ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިސްރާއީލާއެކު ކުރާ ވިޔަފާރި ހުއްޓާލުމަށް ގޮވާލައި، ވޮޝިންގްޓަންގެ ރެޑްމަންޑްގައި ހުންނަ ކުންފުނީގެ މައި އޮފީހުގައި އެ ކުންފުނީގެ މުވައްޒފުން އިހުތިޖާޖު ކޮށްފިއެވެ.
އިހުތިޖާޖުކުރާ ފަރާތްތައް އެއްވާން ފަށާފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހުގައެވެ. އެމީހުން އެއްވެފައިވަނީ ސިއެޓަލްގެ ކުންފުނީގެ މައި ކެމްޕަހުގެ މައިދާނަކަށެވެ. އެމީހުން ވަނީ ޑެކްލަރޭޝަން އެއް އިއުލާނު ކޮށް، އެމީހުންގެ މަޤްޞަދުތައް ބަޔާންކޮށް، މައިކްރޯސޮފްޓްގެ އިސްވެރިންނަށް މަޝްވަރާގެ މޭޒަށް އައުމަށް ދައުވަތު ދީފައެވެ.
އިހްތިޖާޖު ކުރާ މީހުން ތިބި ސަރަހައްދަށް ފުލުުން ވެސް ވަނީ އައިސްފައެވެ.
އިހްތިޖާޖު ލީޑް ކުރާ ކުރީގެ މައިކްރޮސޮފްޓް ގެ ކުރީގެ މުވައްޒަފެއް ކަމުގައިވާ ހުސާމް ނަޞްރު އިހްތިޖާޖުގައި ވާހަކަ ދައްކަމުން ބުނީ އެމީހުން އެތަނުގައި ތިބެން ޖެހުނީ 22 މަސްދުވަސްވީ ޣައްޒާގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ އަށް މައިކްރޮސޮފްޓް އިން ވާގިވެރިވެ ބާރު ދޭތީ ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ފާއިތުވާ ކޮންމެ ގަޑީއިރަކާ އެކީ ކުށެެއް ނެތް އެތައް ކުޑަކުދިން މަރުވަމުންދާތީ ކަމުގައެވެ.
"ނޯ އަޒުއަރ ފޮރ އަޕާތައިޑް" ނަމުގައި މައިކްރޯސޮފްޓްގެ މުވައްޒަފުންގެ ގްރޫޕަކުން އިސްރާއީލާ މައިކްރޮސޮފްޓް އާ އޮންނަ ގުޅުން ކަނޑާލުމަށް ގޮވާލާ މަސައްކަތް ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެމީހުން ބުނާ ގޮތުގައި ކުންފުނީގެ އުފެއްދުންތައް ބޭނުން ކުރެވެމުން ދަނީ ޣައްޒާ ގައި އާންމު ރައްޔިތުން މެރުމަށެވެ.
ކުންފުނީގެ ކްލައުޑް ކޮމްޕިއުޓިންގ ޑިވިޜަން ކަމުގައިވާ އެޒުއަރ އިން އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާގެ އިދާރާތަކަށް، އޮންޑިމާންޑް ސޮފްޓްވެއަރ އަދި ޑޭޓާ ސްޓޯރޭޖް ވިއްކައެވެ.
"ނޯ އެޒުއަރ ފޮރ އަޕާތައިޑް" ގެ އޯގަނައިޒަރުންގެ ތެރެއިން ބައެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މައިކްރޮސޮފްޓް އިން ބުނާ ގޮތުގައި އެމީހުން ވަކިކުރީ ހުއްދަނެތި ކެމްޕަހުގައި އިވެންޓެއް ބޭއްވުމާއި އިސްވެރިންގެ ވާހަކަތަކަށް ހުރަސްއެޅުމުގެ ސަބަބުންނެވެ.
"މައިކްރޮސޮފްޓް އަކީ ޣައްޒާ ގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގައި އެންމެ ބޮޑަށް ބައިވެރިވާ ޑިޖިޓަލް ހަތިޔާރު އުފައްދާ ފަރާތެވެ،" މައިކްރޮސޮފްޓް ގެ މުވައްޒަފެއް ކަމަށްވާ ނިސްރީން ޖަރާދަތު އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބްލޫމްބާރގް އިން ރިޕޯޓު ކުރި މި ޚަބަރުގައި ބުނެފައިވަނީ މިކަމާބެހޭ ގޮތުން މައިކްރޮސޮފްޓް އިން ކޮމެންޓެއް ކޮށްފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް މެއިި މަހު އެ ކުންފުނި ޝާއިއު ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ މައިކްރޮސޮފްޓް އެޒުއަރ ނުވަތަ އެ ކުންފުނީގެ އޭއައި ޓެކްނޮލޮޖީ ޣައްޒާ ގައި މީހުންނަށް ގެއްލުން ދިނުމަށް ބޭނުން ކޮށްފައިވާ ކަމުގެ ހެތްހެއް ލިބިފައި ނުވާ ކަމަށެވެ.