ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 09:33
ރަޝިޔާގެ ރައީސް ޕުޓިން އާއި ތުރުކީގެ ރައީސް އުރުދުޣާން މީގެ ކުރިން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
ރަޝިޔާގެ ރައީސް ޕުޓިން އާއި ތުރުކީގެ ރައީސް އުރުދުޣާން މީގެ ކުރިން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި
ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕުޓިން އާއި އުރުދުޣާންގެ މަޝްވަރާތަކުގައި ޔުކްރެއިން ހަނގުރާމައިގެ މިހާރުގެ ޙާލަތާއި، އަދި އެ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން، ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިން އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން މަޝްވަރާ ކުރައްވައިފި އެވެ.

ބުދަ ދުވަހު ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެންނެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ބުނެފައި ވަނީ އުރުދުޣާން އާއެކު ޕުޓިން މަޝްވަރާ ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމާ ގުޅޭ ގޮތުން ކަމަށެވެ.

ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕުޓިން އާއި އުރުދުޣާންގެ މަޝްވަރާތަކުގައި ޔުކްރެއިން ހަނގުރާމައިގެ މިހާރުގެ ޙާލަތާއި، އަދި އެ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ތުރުކީ އަކީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް މެދުވެރިއެއްގެ ދައުރު އަދާ ކޮށްފައިވާ ޤައުމެކެވެ. އަދި އެ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ތުރުކީ އިން ވަނީ މިހާތަނަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. ތުރުކީގެ މެދުވެރި ކަމުގައި ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ގިނަ ވާހަކަތަކެއް ދައްކައި، މަޝްވަރާ ކުރުންތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

ޕުޓިން އާއި އުރުދުޣާންގެ މަޝްވަރާ ތަކުގައި ވަނީ ސަރަހައްދީ އަދި ބައިނަލްއަޤުވާމީ އެހެނިގެން މުހިންމު މައްސަލަތަކާ މެދު ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި ރަޝިޔާ އާއި ތުރުކީއާ ދެމެދު އޮތް އިޤްސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ޚަރުދަނާ ކުރުމަށް ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ.

އުރުދުޣާންގެ ކުރިން ޕުޓިން ވަނީ، ޓްރަމްޕްއާ އެކު ބޭއްވެވި ބައްދަލުވުމުގެ މައުލޫމާތު ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ ވެސް ހިއްސާ ކުރައްވައިފަ އެވެ. ފޯނު މެދުވެރިކޮށް މުޙައްމަދު ބިން ސަލްމާން އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ވެސް ޕުޓިން ވަނީ ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ޓްރަަމްޕް އާއި ޕުޓިންއާ ދެމެދު ކުރިއަށް ގެންދެވުނު މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކަށް އޮތީ ހަނގުރާމަ ނިންމުމަކަށް ގެނައުން ކަމަށް ވީ ނަމަވެސް، އެ ބައްދަލުވުން ނިމުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވި އެވެ.

- ކޮމެންޓް