ކ. މާލެ
|
20 އޯގަސްޓް 2025 | ބުދަ 13:49
އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަދި ރަޝިޔާގެ ރައީސް ޕުޓިން މީގެ ކުރިން ބައްދަލު ކުރައްވަނީ
އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަދި ރަޝިޔާގެ ރައީސް ޕުޓިން މީގެ ކުރިން ބައްދަލު ކުރައްވަނީ
ރޮއިޓަރސް
ރަޝިޔާ-އިންޑިއާ ގުޅުން
ޕުޓިން އާއި މޯދީ ނިއު ދިއްލީގައި ބައްދަލު ކުރައްވާނެ ކަމަށް ރަޝިޔާގެ އޮފިޝަލަކު ބުނެފި
އިންޑިއާގައި ހުންނަ ރަޝިޔާގެ އެމްބަަސީގެ އިސް އޮފިޝަލަކު ބުނެފައިވާ ގޮތުގައި، ޕުޓިން އާއި މޯދީގެ އެ ބައްދަލުވުން ބާއްވާނެ ސީދާ ތާރީޚެއް މިހާތަނަށް ކަނޑައަޅާފައި ނުވެ އެވެ. ނަމަވެސް، މިއަހަރުގެ ފަހު ކޮޅު ޕުޓިން އާއި މޯދީ ބައްދަލު ކުރައްވާނެކަން މިހާރު ކަށަވަރު ވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިން، އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިއަހަރުގެ ފަހު ކޮޅު އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ބައްދަލު ކުރައްވާނެ ކަމަށް ރަޝިޔާގެ އޮފިޝަލަކު ބުނެފި އެވެ.

ބުދަ ދުވަހު ރަޝިޔާގެ އެމްބަސީގެ އިސް އޮފިޝަލަކު ވަނީ އެކަން ހާމަ ކޮށްފަ އެވެ. މީގެ ކުރިން ވެސް، މިއަހަރުގެ ފަހު ކޮޅު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވާ ވާހަކަ އެކި ފަހަރު މަތިން މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެ ދަތުުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިންޑިއާގައި ހުންނަ ރަޝިޔާގެ އެމްބަަސީގެ އިސް އޮފިޝަލަކު ބުނެފައިވާ ގޮތުގައި، ޕުޓިން އާއި މޯދީގެ އެ ބައްދަލުވުން ބާއްވާނެ ސީދާ ތާރީޚެއް މިހާތަނަށް ކަނޑައަޅާފައި ނުވެ އެވެ. ނަމަވެސް، މިއަހަރުގެ ފަހު ކޮޅު ޕުޓިން އާއި މޯދީ ބައްދަލު ކުރައްވާނެކަން މިހާރު ކަށަވަރު ވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިޔާ އާއި އިންޑިއާ އަކީ އެތައް އަހަރެއް ވަންދެން ގާތް ގުޅުން އޮންނަ ދެ ޤައުމެވެ. ޚާއްސަކޮށް މި ދެ ޤައުމަކީ ސަލާމަތީ އަދި ދިފާއީ ދާއިރާގައި ބަދަހި ގުޅުމެއް އޮންނަ ދެ ޤައުމެވެ. ޕުޓިން އާއި މޯދީގެ މި ބައްދަލު ކުރެއްވުމުގަައި ދެ ޤައުމުގެ ދެ މެދުގައި އޮތް އިޤްތިސާދީ އަދި ސިޔާސީ ގުޅުން އިތުރަށް ޚަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށް ދާ ހަނގުރާމައާ ގުޅިގެން، ހުޅަނގުގެ ގިނަ ޤައުމު ތަކުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ގެންދާއިރު، އިންޑިއާ އިން ވަނީ މެދު މިނުމުގެ ސިޔާސަތެއް އިސްކޮށްފަ އެވެ. އަދި ރަޝިޔާއާ އެކު އޮތް ގުޅުން އިންޑިއާ އިން ވަނީ ދަމަހައްޓައިފަ އެވެ. މި ބައްދަލު ކުރެއްވުމަކީ މި ދަނޑިވަޅުގައި ދެ ޤައުމުގެ ގުޅުމަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އިންޑިއާ އިން ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވައި، އެ ޤައުމާ އެކު ވިޔަފާރީގެ މުއާމަލާތް ކުރިއަށް ގެންދާނީ އެމެރިކާ އިން ވަނީ ނުރުހުންވެފަ އެވެ. އަދި އެމެރިކާ އިން ވަނީ އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ނިންމައިފަ އެވެ. ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާ އަށް އެތެރޭ ކުރާ އިންޑިއާގެ މުދަލުން ޓެރިފް ނެގުމަށް ނިންމައިފަ އެވެ.

އެންމެ ފުރަތަމަ ޓްރަމްޕް ނިންމަވާފައި ވަނީ 25 އިންސައްތައިގެ ޓެރިފް ނެގުމަށެވެ. ނަމަވެސް، އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާ ނުލާނެތީ، އިތުރު 25 އިންސައްތައިގެ ޓެރިފް އާއެކު، ޖުމުލަ 50 އިންސައްތައިގެ ޓެރިފް ނެގުމަށް ނިންމާފައިވެ އެވެ.

އެކަމާ ގުޅިގެން އިންޑިއާ އިން ވަނީ ރަޝިޔާއާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފަ އެވެ. އެގޮތުން މި މަހުގެ ކުރީ ކޮޅު ވަނީ ރަޝިޔާގެ ވެރި ރަށް މޮސްކޯގައި އެކަމާ ގުޅޭ ގޮތުން ދެ ޤައުމުން މަޝްވަރާ ވެސް ކޮށްފަ އެވެ.

- ކޮމެންޓް