ކ. މާލެ
|
20 އޯގަސްޓް 2025 | ބުދަ 10:04
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
އޮސަސޫނާ އަތުން ރެއާލް އަށް އުނދަގޫ މޮޅެއް
އަލޮންސޯ ބުނީ، ރެއާލްގެ ކުޅުންތެރިންނާ މެދު އޭނާގެ އުންމީދު އޮތް ކަމަށާއި، ކުޅުންތެރިންނަށް އިތުބާރު ވެސް އޮތް ކަމަށެވެ. އެހެންކަމުން ކަންކަން ރަނގަޅުކޮށް، ރެއާލްގެ އަސްލު ފެންވަރުގައި އެ ޓީމު ފެންނާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ.

އައު ސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އިން ކުޅުނު ފުރަތަމަ މެޗުގައި އޮސަސޫނާ އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

މެޗުގައި ރެއާލް އިން ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އޮސަސޫނާގެ އޭރިޔާ ބޭރުން ރެއާލްގެ ޑީން ހުޖްސެން ފޮނުވާލި ބޯޅަ އެ ޓީމުގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން އޮސަސޫނާގެ އޭރިޔާ ތެރެއިން ރެއާލްގެ ވިނީޝިއުސް ޖޫނިއާ ދިން ފުރުސަތެއްގައި ކީލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ ވެސް އޮސަސޫނާގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ރެއާލްގެ އެޑާ މިލިޓާއޯ ފޮނުވާލި ބާރު ހަމަލާ ވެސް އޮސަސޫނާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން އޮސަސޫނާގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އޮސަސޫނާގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު އެމްބާޕޭ އަށް ކުރި ފައުލަކާ ގުޅިގެން ވަނީ ޕެނަލްޓީ ދީފަ އެވެ.

އެ ޕެނަލްޓީ ކާމިޔާބުކޮށް ރެއާލަށް ކުރި ހޯދައިދިނީ އެމްބާޕޭ އެވެ. އޭގެ ފަހުން ރެއާލް އަށް ލީޑު ފުޅާ ކޮށްދޭން ފްރާންކޯ މަސްޓަންޓޫނޯ ފޮނުވާލި ހަމަލާ ވެސް އޮސަސޫނާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، އެ މެޗުން ރެއާލް އަށް ހޯދުނީ އުނދަގޫ މޮޅެއް ކަމަށެވެ. ޚާއްސަކޮށް އެ މެޗުގައި އޮސަސޫނާގެ ކުޅުންތެރިން ފެނުނީ ރަނގަޅު ކުޅުމެއް ދެއްކި މަންޒަރު ކަމަށާއި، ރެއާލްގެ ކުޅުންތެރިންނަށް އުނދަގޫ ތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އެޓޭކު ކުރުމުގައި ރެއާލްގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނުނުކަން ފާހަގަކޮށް އަލޮންސޯ ބުނީ، އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. ރެއާލް އިން ކުރަން އޮތީ ދިގު ދަތުރެއްކަން ފާހަގަކޮށް އަލޮންސޯ ބުނީ، ކުރިއަށް އޮތް ތަނުގައި ކުރަން ޖެހޭ މަސައްކަތް ބުރަ ވާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، ރެއާލްގެ ކުޅުންތެރިންނާ މެދު އޭނާގެ އުންމީދު އޮތް ކަމަށާއި، ކުޅުންތެރިންނަށް އިތުބާރު ވެސް އޮތް ކަމަށެވެ. އެހެންކަމުން ކަންކަން ރަނގަޅުކޮށް، ރެއާލްގެ އަސްލު ފެންވަރުގައި އެ ޓީމު ފެންނާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ.

- ކޮމެންޓް