Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 08:36
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
މެޗުން މޮޅުވެ ބާސެލޯނާ އިން ވަނީ އެއް ވަަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 16 މެޗުން ބާސެލޯނާ އަށް ލިބެނީ 40 ޕޮއިންޓެވެ. ބާާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ރެއާލް މެޑްރިޑަށް 36 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އަށް އޮންނާނެ އެވެ.

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ބެޓިސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-3 އިންނެވެ. މެޗުގައި ބެޓިސް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބެޓިސް އަށް ލީޑު ނަގައިދިނީ އެންތަނީ އެވެ. ނަމަވެސް، ބެޓިސް އަށް ލީޑުގައި އޮވެވުނީ އެންމެ ފަސް މިނެޓު އެވެ. މެޗުގެ 11 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ވަނީ ލަނޑު ޖަހައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އޭގެ ދެ މިނެޓު ފަހުން ޓޮރޭސް ވަނީ އިތުރު ލަނޑެއް ޖަހައި ބާސެލޯނާ އަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ރޫނީ ބާދްގީ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ޓޮރޭސް ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ބާސެލޯނާ އިން ފަސް ވަނަ ލަނޑެއް ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖެހީ ލަމީން ޔަމާލް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ޑިއޭގޯ ލޮރެންޓޭ ވަނީ ބެޓިސްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި މެޗުގެ ފަހު ވަގުތުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ކޫޗޯ ހެނާންޑޭޒް ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

- ކޮމެންޓް