ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑް އިން ނަގާލައިފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗުގައި ސެލްޓަ އިން ވަނީ 2-0 އިން އެ ޓީމުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ސެލްޓަ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ސެލްޓަ އިން ވަނީ ރެއާލް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ވިލިއޮޓް ސްވެޑްބާގް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބްރަޔަން ޒަރަގޯޒާ އެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ރެއާލް އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުގެ ފެރާން ގާސިއާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި، އެ ޓީމުގެ އަލްވާރޯ ފެނާންޑޭސް ކަރޭރާސް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ދެ ކުޅުންތެރިން މަދުކޮށް ކުޅެމުން ދިޔަ ރެއާލް ކޮޅަށް ސެލްޓަ އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. އެ ލަނޑު ވެސް ސެލްޓަ އަށް ޖަހައިދިނީ ސްވެޑްބާގް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އިއާގޯ އެސްޕަސް އެވެ.
މެޗުން ބަލިވެ ރެއާލް އިން ވަނީ، އެއް ވަނައިގައި އޮތް ބާސެލޯނާ އާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަ ކުރުމަށް ލިބުނު ފުރުސަތު ނަގާލައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 16 މެޗުން 36 ޕޮއިންޓާ އެކު ރެއާލް އޮތީ ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 40 ޕޮއިންޓެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ އެންމެން ވެސް ތިބީ ހިތްހަމަ ނުޖެހިފައި ކަމަށެވެ. އޭނާ ބުނީ އެ މެޗު ދިޔައީ ރެއާލް އިން ބޭނުންވި ގޮތަށް ނޫން ކަމަށާއި، އަދި މެޗުގެ ނަތީޖާ އަކީ ބޭނުންވި ނަތީޖާ ވެސް ނޫން ކަމަށެވެ.
އަލޮންސޯ ބުނީ މެޗުން ގެއްލުނީ ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށާއި، ނަމަވެސް ލީގު އަދި ކުރިއަށް އޮތީ ކަމަށެވެ. އެ ނަތީޖާ އާއެކު މިވަގުތު ރެއާލް އަށް އޮތީ ވަރަށް އުނދަގޫ ޙާލަތެއް ކަަމަށް އޭނާ ބުންޏެވެ. މިހާރު އޮތް ހިތި ޙާލަތު ބަދަލު ކޮށްލުމަށް އޮތް ފުރުސަތަކީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ދެން ކުޅެން އޮތް މެޗު ކަމަށް ވެސް އޭނާ ބުންޏެވެ.