ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 11:32
އެމެރިކާގައި ކުރިއަށް ދިޔަ މަޝްވަރާ ތަކުގައި އެމެރިކާގެ ރައީސް ޓްރަމްޕް އަދި ފްރާންސްގެ ރައީސް މެކްރޮން
އެމެރިކާގައި ކުރިއަށް ދިޔަ މަޝްވަރާ ތަކުގައި އެމެރިކާގެ ރައީސް ޓްރަމްޕް އަދި ފްރާންސްގެ ރައީސް މެކްރޮން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
މަޝްވަރާތަކުގައި އެންމެ މުހިންމުވީ އެމެރިކާ އިން ޔުކްރެއިން އަށް ދޭ ސެކިއުރިޓީ ގެރެންޓީ: މެކްރޮން
ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވެފައި ވަނީ، މީގެ ދުވަސްތަކެއް ކުރިން ސާފު ނުވެ އޮތް ކަމެއްގައި ބައްދަލުވުމުން އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ، ސަލާމަތީ ޕްލޭންތައް އިތުރަށް ތަރައްޤީ ކުރުމަށް އެމެރިކާ އިން އެއްބަސްވެފައިވުން ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޔޫރަޕުގެ ލީޑަރުންނާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގެ އެންމެ މުހިންމު އެއް ނަތީޖާ އަކީ، ޔުކްރެއިންގެ ސަލާމަތީ ގެރެންޓީތަކާ ގުޅޭ ގޮތުން އެމެރިކާ އިން އިތުރަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވުން ކަމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވަނީ ޔޫރަޕުގެ ލީޑަރުންނާ އެކު ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ފްރާންސްގެ ރައީސް މެކްރޮންގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ޖަރުމަނުގެ ޗާންސެލަރ ފްރީދްރިޝް މެޔަަޓްޒް، އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑި ލެޔެން އަދި ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް މާކް ރުޓޭ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވެފައި ވަނީ، މީގެ ދުވަސްތަކެއް ކުރިން ސާފު ނުވެ އޮތް ކަމެއްގައި ބައްދަލުވުމުން އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ، ސަލާމަތީ ޕްލޭންތައް އިތުރަށް ތަރައްޤީ ކުރުމަށް އެމެރިކާ އިން އެއްބަސްވެފައިވުން ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އުފެއްދި، "ކޯލިޝަން އޮފް ދަ ވިލިން" މިހާރު ވަނީ 30 ޤައުމަކަށް ފުޅާވެފައި ކަމަށް މެކްރޮން ވަނީ ފާހަގަ ކުރައްވައިފަ އެވެ. ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ދެމެދު މަޝްވަރާތައް ފެށުމަށް ފަހު، އެ މަޝްވަރާ ތަކުގައި އެމެރިކާގެ ރައީސް ޓްރަމްޕް ބައިވެރިވާން ޖެހޭ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ، ޔޫރަޕިއަން ފަންޑު މެދުވެރިކޮށް 90 ބިލިއަން ޑޮލަރުގެ އެމެރިކާ ހަތިޔާރު ގަތުމުގެ ޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ސެކިއުރިޓީގެ ގެރެންޓީ ތަކުގެ ތެރޭގައި ޔުކްރެއިންގެ ކުންފުނިތަކާ އެކު 50 ބިލިއަން ޑޮލަރިގެ ޑްރޯ އުފެއްދުމުގެ ޑީލެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރަޝިޔާގެ ރައީސް ޕުޓިން އާއި، ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ދެމެދު ވަރަށް އަވަހަށް ބައްދަލުވުމެއް ބޭއްވި ދާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ. ޚާއްސަކޮށް ޓްރަމްޕް އާއެކު ޔޫރަޕުގެ ލީޑަރުން ބޭއްވި ބައްދަލުވުމަށް ފަހު، އެކަމުގެ އުންމީދު އިންތިހާ އަށް އޮތް ކަމަށް ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހު ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި ޔޫރަޕުގެ ލީޑަރުންނާ އެކު ކުރެއްވި މަޝްވަރާ ތަކަކީ ކާމިޔާބު މަޝްވަރާތަކެއް ކަމަށް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މަޝްވަރާތަކަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން އާއެކު ފޯނު މެދުވެރިކޮށް ވާހަކަ ދައްކާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

- ކޮމެންޓް