ހަމާސް އިން އިސްރާއީލާއެކު 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަކަށް އެއްބަސްވެއްޖެ ކަމަށް މެދުވެރިން ބުނެފިއެވެ.
މި އެއްބަސްވުމުގައި ހިމެނެނީ ޣައްޒާގައި ހިފަހައްޓާފައިވާ ރަހީނުންގެ ދެބައިކުޅަ އެއްބައި ދޫކޮށްލުމާއި، އިސްރާއީލުން އެމީހުންގެ ޖަލުތަކުގައި ތިބި ބައެއް ފަލަސްތީނު މީހުން ދޫކޮށްލުމެވެ.
މިސްރުގެ ރަސްމީ މަސްދަރަކުން މިކަން ހާމަ ކުރީ ހޯމަ ދުވަހުއެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ބާސިމް ނައީމް ވަނީ ފޭސްބުކް މެދުވެރިކޮށް މި އެއްބަސްވުމަށް ހަމާސްއިން ރުހުން ދީފައިވާކަން ކަށަވަރު ކޮށްދީފައެވެ. އަދި އެހެނިހެން ފަލަސްތީނު ފެކްޝަން ތަކުން ވެސް މި އެއްބަސްވުމަށް ރުހުން ދީފައިވާކަން މެދުވެރިންނަށް އަންގާފައިވާ ކަމަށް ހަމާސް އިން ބުނެފައިވެއެވެ.
ހަމާސްގެ ހުށަހެޅުމަށް އިސްރާއީލުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ އޮފިޝަލެއް ވަނީ ހުށަހެޅުން ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. މިސްރު އަދި ޤަޠަރުން ވަނީ އެމެރިކާގެ އެހީތެރިކަމާއެކު ދެފަރާތުގެ މެދުގައި މެދުވެރިންގެ ދައުރު އަދާކޮށްފައެވެ.
މި ޚަބަރު އާންމުވި ދަނޑިވަަޅަކީ، ފަލަސްތީނުގެ ޣައްޒާ ގެ މައި ސަރަޙައްދު ކަމުގައިވާ ޣައްޒާ ސިޓީ ހިފުމަށް އިސްރާއީލުން ރާވާފައިވާ ރޭވުންތަކަށް ބޭރުގެ ޤައުމުތަކާއި އަދި އިސްރާއީލުގެ އެތެރޭގައި ވެސް ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެކެވެ.
އިސްރާއީލުގެ އެތައް ހާސް މީހުން އާދީއްތަ ދުވަހު ވަނީ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ބޭއްވި އެންމެ ބޮޑެތި މުޒާހަރާތަކުގެ ތެރެއިން މުޒާހަރާ އެއް ބާއްވާފައެވެ. އެމީހުން ގޮވާލަނީ ހަނގުރާމަ ނިންމުމަށާއި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން ޣައްޒާގައި ހިފަހައްޓާފައިވާ 50 ރަހީނުން ދޫކޮށްލުމަށެވެ. އިސްރާއީލުގެ އޮފިޝަލުން ގަބޫލު ކުރާގޮތުގައި މީގެ ތެރެއިން 20 މީހުން ދިރިއެބަ ތިއްބެވެ.
އަނެއްކޮޅުން އެތައް ހާސް ފަލަސްތީނު މީހުން ވަނީ އިސްރާއީލުގެ އެއްގަމު ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރަށް ޣައްޒާ ސިޓީގެ އިރުމަތީ ސަރަޙައްދުތަކުން ނުކުމެފައެވެ. މިހާރު އެ ސަރަޙައްދުތަކަށް އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި ބޮން އަޅަމުންނެވެ. އެމީހުން ވަނީ ހަލާކުވެފައިވާ އެ ސަރަޙައްދުގެ ހުޅަނގު އަދި ދެކުނު ސަރަޙައްދު ތަކަށް ބަދަލުވެފައެވެ.
ހޯމަ ދުވަހު ބާރުދެއްކުމުގެ ގޮތުން ކަމަށް ބެލެވޭ ގޮތެއްގައި، އިސްރާއީލުގެ ޓޭންކުތައް ވަނީ ޣައްޒާ ސިޓީގެ ސަބްރާ ސަރަޙައްދަށް ވަދެފައެވެ. މަންޒަރު ދުށް މީހުންގެ ބަހުން މަދުވެގެން 9 ޓޭންކު އަދި ބުލްޑޯޒަރު އެތަނުގައި ހުރިކަމަށް ފާހަގަކުރެވުނެވެ.
އިސްރާއީލުގެ ސިފައިންގެ އެންމެ އިސް ވެރިޔާ، ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރު ބުނެފައި ވަނީ އިސްރާއީލު މިހާރު ވަނީ ޣައްޒާގެ ހަނގުރާމައިގެ މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ. "އަދި މިހާރު އަަމާޒަކީ ޣައްޒާ ސިޓީގައި ހަމާސް އަށް އަމާޒުކޮށް ދެވޭ ހަމަލާތައް އިތުރު ކުރުން" ކަމަށް ސިފައިންގެ ތަރުޖަމާނުގެ ބަޔާނެއްގައި ބުނެފައިވެއެވެ.
މިސްރުގެ ރަސްމީ މަސްދަރުން ބުނެފައިވާ ގޮތުގައި ހަމާސް އިން ޤަބޫލުކޮށްފައިވާ ހުށަހެޅުމުގައި ހިމެނެނީ 60 ދުވަހަށް އިސްރާއީލުގެ ސިފައިންގެ ހަމަލާތައް ހުއްޓާލުމާއި، ދެ އަހަރާ ގާތްކުރާ މި ހަނގުރާމަ ނިންމާލުމަށް ޖުމްލަ އެއްބަސްވުމެއްގެ އޮނިގަނޑެކެވެ.
މަޝްވަރާތަކާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކުން އަލް އަރަބިއްޔާ އަށް ބުނެފައިވާ ގޮތުގައި މި ހުށަހެޅުން ބޮޑަށް ވައްތަރުވަނީ ކުރިން އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހެޅި ޕްލޭނަކާއެވެ. އެ ޕްލޭނަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.
މެދުވެރިން ހަމާސްގެ މަންދޫބުންނާ ބައްދަލު ކުރީ އާދީއްތަ ދުވަހު ގާހިރާ ގައެވެ. ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް ޘާނީ ވަނީ ހޯމަ ދުވަހު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، މިސްރުގެ ރައީސް އަބްދުލްފައްތާޙް އައް-ސީސީ އާއި ހަމާސްގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ.
ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަށް އިސްރާއީލު ސަރުކާރުން ވަނީ މި މަހުގެ ކުރީކޮޅު ހުއްދަ ދީފައެވެ. ނަމަވެސް އޮފިޝަލުން ބުނެފައި ވަނީ އެކަން ފެށުމަށް ހަފުތާތަކެއް ނަގާނެ ކަމަށެވެ. މިކަން މިހެން އޮތުމާއެކު ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ. އެހެންނަމަވެސް ނަތަންޔާހޫ ބުނެފައި ވަނީ ހަނގުރާމަ ނިމޭނީ ހަމާސް ބަލިކުރުމާ އެކުގައި ކަމަށެވެ.