އއ، އަތޮޅު ކައުންސިލް ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝަފީގު ސަސްޕެންޑް ކޮށްފި އެވެ.
ޝަފީގް ސަސްޕެންޑް ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ ލިބޭ ގޮތަށް އެއް މަސްދުވަހުގެ މުއްދަތަކަށެވެ.
ރާއްޖެ އެމްވީއަށް ޝަފީގު ވިދަޅުވީ އޭނާ ސަސްޕެންޑް ކޮށްފައި ވާކަން އަންގާފައި ވަނީ ހޯމަ ދުވަހު ހަވިރު 5:30 ގައި ސިވިލްސާރވިސް ކޮމިޝަން އިން ފޮނުވި ސިޓީއެއްގައި ކަމަށެވެ.
ޝަފީގް ވިދާޅުވީ އޭނާ ސަސްޕެންޑް ކުރި ސަބަބެއް ނޭގޭ ކަމަށެވެ. ނަމަވެސް ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓް އާއި ގުޅޭ މައްސަލައެއް ބަލަމުން ގެންދާތީ ސަސްޕެންޑް ކުރީ ކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު ސަސްޕެންޑް ކުރީ ކީއްވެކަމެއް، ކޮން ސަބަބަކާއި ހުރެ ކަމެއް އެއްގޮތަކަށް ވެސް ނޭގެ. މިއަދު ހަވީރު 5:30 ގައި ސިވިލް ސާރވިސް ކޮމިޝަނުން މެއިލް ކުރި ސިޓީގައި ބުނީ ސަސްޕެންޑް ކުރި ވާހަކަ. އެ ސިޓީގައި ބުނީ ސަސްޕެންޑް ކޮށްފައި ވަނީ ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓް އާއި ގުޅޭ މައްސަލައެއް ބަލަމުން ގެންދާތީ ކަމަށް ބުނެފަ އެބައިން.
އއ. އަތޮޅު ކައުންސިލް އެސްޖީ މުޙައްމަދު ޝަފީގު![]()
ސިވިލް ސާރވިސް ކޮމިޝަނުން ޝަފީގު އަށް ފޮނުވި ސިޓީގެ ކޮޕީއެއް ވެސް ރާއްޖެ އެމްވީއަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ތިޔަ ފަރާތް ސިވިލް ސާރވިސްގެ ގާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަމަލު ކުރަމުންދާކަމަށާއި، ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް ޓަކައި ދިވެހި ސިވިލް ސާރވިސްގެ ގަވައިދު 2014ގެ 258 އިން 17 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް މުސާރަ ލިބޭނޭ ހެން އޮފީހަށް ނުކުތުން މަނާކޮށްފައިވާ ކަމުގައި އަންގާ ކަމަށެވެ.
ޝަފީގު ވިދާޅުވި ގައުބޫލުކުރެވޭ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ސަރުކާރުގެ ގޯސް ވާހަކަތަށް ސޯޝަލް މީޑިއާގައި ލިޔެ ޕޯސްޓުތައް ކުރާތީ ކަމަށެވެ. އަދި އެކަން ހަޖަމު ނުވެގެން މިއުޅެނީ އެ ރަށުގައި އުޅޭ ޕީއެންސީއަށް ނިސްބަތްވާ ޓީމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވީ ސަސްޕެންޑް ކުރިޔަސް ކޮންމެ އަދަބެއް ދިނަސް ސިޔާސީ ގޮތުން އިސްލާހަށް ސޯޝަލް މިޑިއާގައި ޖަހާ ޕޯސްޓުތައް ޖެހުން ހުއްޓާ ނުލާނޭ ކަމަށެވެ.