އިސްރާއީލުން ޣައްޒާ ސިޓީ ހިފުމުގެ ކުރިން އެ ސަރަހައްދަށް ދޭ ހަމަލާތައް އިތުރުކޮށް އަދި ވަރުަގަދަ ކޮށްފިއެވެ. މިގޮތުން ހޯމަ ދުވަހު ފަތިހުން ފެށިގެން ދިން ހަމަލާތަކުގައި މަދުވެގެން 11 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް) އިން ބުނާ ގޮތުގައި އެހީ ފޯރުކޮށްދޭ ސަރަހައްދުތަކަށް އިސްރާއީލުން ދޭ ހަމަލާތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
"މިހާރު ދުވަހަކަށްވުރެ ދުވަހެއް މަރުވާ މީހުންގެ އަދަދު އިތުރުވަމުންދަނީ. އަދި ހަމަލާތައްވެސް ހުއްޓުމެއްނެތި ކުރިއަށްދަނީ،" އެމްއެސްއެފްގެ ނޫރު އަލްސައްޤާ ހާމަ ކޮށްފަައި ވެއެވެ.
ރަފާހްގައި ހުންނަ އެމްއެސްއެފްގެ މަރުކަޒަށް އެހީ ބަހާ ސަރަހައްދުތަކުން ޒަޚަމްވެގެން އަންނަ ކުޑަކުދިންނާއި ބޮޑެތި މީހުން އިތުރުވަމުންދާކަމަށް އޭނާ ފާހަގަ ކުރިއެވެ.
"މީހުން ކާންބޯނެ އެއްޗެއް ހޯދަން ދާއިރު ވަޒަން އަރާ އަދި އެހެނިހެން ގޮތްގޮތުން ޒަޚަމްވެގެން އަންނަނީ. އެމީހުން ފުރާނައަށް ނުރައްކާވާނެކަން އެނގިހުރެވެސް މަޖުބޫރުވެގެން އެހީ ހޯދަން ދާންޖެހެނީ."
އިސްރާއީލުން ޣައްޒާ ސިޓީ ހިފުމަށް ރާވާ ރޭވުންތަކާއި، އެސަރަހައްދުގެ އާބާދީ ގަަދަކަމުން ނެރެ ބަދަލުކުރުމުގެ ވާހަކަތަކަށް ހަމާސް ވަނީ ދެކޮޅު ހަދާ ފާޑު ކިޔާފައެވެ. އަދި އިސްރާއީލުން އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނާ ބުނުމަކީ "ސީދާ މަކަރެއް" ކަމަށް ބުނެފައިވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނާ ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމުގެ ސިޔާސަތެއް ގެންގުޅެމުންދާ ކަމަށާއި، ފަލަސްތީނުގެ އިޖްތިމާއީ ފޭރާން ނައްތާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އިސްރާއީލުން ޣައްޒާ ގައި ހިންގާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 61,827 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 155,275 މީހުން ވަނީ ޒަޚަމްވެފައެވެ. މޭ މަހުގެ ފަހުން އެހީ ބަހާ ސަރަހައްދުތަކުން އެކަނި ވެސް 2,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައި ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.