ސްރީލަންކާގެ އިންޓެލިޖެންސް އެހީގައި ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް ޑްރަގް ބޯޓުގައި މަސްތުވާ ތަކެތި އަޅާފައިވާ 24 ގޯނި ފެނިފައިވާ ކަމަށް ފުލުހުން ހާމަ ކޮށްފިއެވެ.
މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓް "އަވިޝްކާ ޕުތާ" 2025 ނޮވެމްބަރ 07 ވަނަ ދުވަހު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށެވެ.
އެ އުޅަނދާއި އުޅަނދުގައި ތިބި 05 ފަޅުވެރިން 2025 ނޮވެމްބަރ 9 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތާ ވަނީ ހަވާލުކޮށްފަ އެވެ.
މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާ އަށް ނިސްބަތްވާ 5 މީހުން ހައްޔަރުކުރެވިފައިވާ ކަމަށާއި އެއީ 39، 42، 28، 34 އަދި 63 އަހަރުގެ 5 ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަަމަށް ފުލުހުން ބުނެފައި ވެއެވެ.