ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށްޓަކައި ދިރާސާ ކުރުމަށް ޔޫރަޕުގެ ލީޑަރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލު ކުރުމަށް ހަމަޖެހިއްޖެ އެވެ.
ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތުގެ ލީޑަރުން އެކުވެގެން މި ދިރާސާ ކުރުމަށް ބައްދަލު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ދިރާސާ ކުރުމަށް ބާއްވާ މި ބައްދަލުވުން ކުރިއަށް ގެންދަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އެލަސްކާގައި ކުރިއަށް ގެންދިޔަ ސަމިޓަށް ފަހު އެވެ.
ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހަމަލާތައް ދީ ހަނގުރާމަ ފެށި ފަހުން ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އައި މަޝްވަރާތައް ކާމިޔާބުވެފައި ނުވެ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އިސްވެ، އެކަމަށް ވަރަށް ބޮޑަށް ބާރު އެޅުއްވި ނަމަވެސް، ޕުޓިން އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރެވިފައި ނުވެ އެވެ.
ޕުޓިން އާއެކު ކުރިއަށް ގެންދިޔަ ސަމިޓުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ނުކުރެވުނު ނަމަވެސް، ޓްރަމްޕް ވަނީ ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އަދި ޔޫރަޕުގެ ލީޑަރުންނާ އެކު މަޝްވަރާ ވެސް ކުރައްވައިފަ އެވެ. އެ މަޝްވަރާތަކުގައި ވެސް ވަނީ ހަނގުރާމަ ނިންމުމަށް އެންމެ ރަނގަޅު ގޮތަކީ ސުލްޙަވެރި ކަމާ އެކު އެއްބަސްވުމަކަށް ވާސިލުވުން ކަމަށް ފާހަގަ ކުރައްވައިފަ އެވެ.
އެހެން ނަމަވެސް، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން ރަޝިޔާ އިން ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށާއި، ރަޝިޔާ އިން އެކަން ނުކުރާ ނަމަ، އެކަމާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް ޒެެލެންސްކީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އަވަސް މުއްދަތެއްގައި ހަނގުރާމަ ހުއްޓާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށެވެ.
ރަޝިޔާގެ ރައީސް ޕުޓިން ހުށަހަޅުއްވާފައި ވަނީ ޑޮނެސްކުގެ އިތުރުން، ލުގާންސްކް ސަރަހައްދުގެ ފުރިހަމަ ބާރުވެރިކަން ރަޝިޔާ އަށް ދިނުމަށެވެ. އޭގެ ބަަދަލުގައި ކަޅު ކަނޑު ބަނދަރު ސަރަހައްދު ކަމަށްވާ ކާސްކު އަދި ޒަޕޮރިޒިއާގައި ދެމުން އަންނަ ހަމަލާތައް ހުއްޓާލާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ހުށަހެޅުންތަކާ ޔުކްރެއިން އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ އިސް ޑިޕްލޮމެޓް ކާޖާ ކަލާސް ވިދާޅުވެފައި ވަނީ، ޕުޓިން މަސައްކަތް ކުރައްވަނީ މަޝްވަރާތައް ދިގު ދެމިގެންދާގެ ގޮތަކަށް ކަމަށެވެ. އަދި ހަގީގަތަކީ ރަޝިޔާ އިން ހަނގުރާމަ ނިންމުމަށް ބޭނުން ނުވުން ކަމަށާއި، އެކަމުގެ ނިޔަތެއް ވެސް ރަޝިޔާގެ ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.