Advertisement
ކ. މާލެ
|
17 އޯގަސްޓް 2025 | އާދީއްތަ 09:57
ލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އާޒިމް ވާހަކަ ދައްކަވަނީ
ލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އާޒިމް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އާދަމް ޢާޒިމް
އާއްމުންނަށް ނުރައްކާވާ ގޮތަށް ހުންނަ އިމާރާތަކުން ބައެއް ވެއްޓިއްޖެ ނަމަ، ރެޖިސްޓްރީ އޮންނަ ފަރާތް ޒިންމާ ވާން ޖެހޭނެ: އާޒިމް
ރެޖިސްޓްރީ އޮންނަ ފަރާތުންއިމާރާތަގެ ސަލާމަތްތެރިކަން ކަށަވަރުކުރަން ވާނެ ކަމަށް އާޒިމް ވިދާޅުވި
އީޑީސީ ކުރީގެ އިމާރާތުން ބައެއް ވެއްޓި އެސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށް ގެއްލުންވި
ބާވެ ހަލާކުވާން ކައިރިވެފައި ހުރި އިމާރާތްތައް ތަޅާނުލާ ބެހެއްޓުމަކީ ބޮޑު ނުރައްކަލެއްކަމަށް މޭޔަރު ފާހަގަކުރެއްވި

އާއްމުންނަށް ނުރައްކާވާ ގޮތަށް ހުންނަ އިމާރާތަކުން ބައެއް ވެއްޓިއްޖެ ނަމަ، އެތަނުގެ ރެޖިސްޓްރީ އޮންނަ ފަރާތް އެކަމާއި މެދު ޒިންމާ ވާން ޖެހޭނެ ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުން ބައެއް ވެއްޓި އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ބައެއް އުޅަނދުތަކަށް ވަނީ ގެއްލުން ވެފައެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ބާވެ ހަލާކުވާން ކައިރިވެފައި ހުރި އިމާރާތްތައް ތަޅާ ނުލާ ބެހެއްޓުމަކީ އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. ޚާއްސަކޮށް މާލެ ފަދަ ބައިބޯ ތަނެއްގައި އެފަދަ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން ވަރަށް ނުރަނގަޅު ނަތީޖާ އެއް ނިކުތުމުގެ ފުރުސަތު އޮންނާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރަޖިސްޓްރީ އޮންނަ ފަރާތަކުން އެ ތަނުގެ ކަށަވަރުކަން ކަށަވަރު ކުރަން ޖެހޭނެ. އެތަނުގެ ކުނިބުނި ސާފުކުރަން ޖެހޭނެ. އިމާރާތްތައް ތަޅާފައި، އެކަމުން އުފެދޭ ކުނި ވެސް ސާފުކުރަން ވާނެ ހަގީގަތުގައި. ބާ އިމާރާތްތައް އެބަ ޖެހެ ތަޅާފައި ރައްކާތެރިކަން ކަށަވަރުކުރަން. ސަރުކާރުގެ އިމާރާތްތައް އެކަންޏެއް ނޫން. އާއްމު ފަރާތްތައް ވެސް އެކަން ކުރަންވީ އެހެން. އެގޮތަށް ހުރި ތަންތަނަށް މިހާރުވެސް މިދަނީ އަންގަމުން އެކަން ރަނގަޅުކުރަން. ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އެފަދަ ތަނެއް ނުހުންނާނެ އިރާދަކުރެއްވިއްޔާ. އެޑިއުކޭޝަންގެ ރެޖިސްޓްރީގައި އެތަން އޮންނަނީ. އެތަން އޮތީ ބަންދު ވެސް ކޮށްފަ. އެއީ ވަރަށް ހާލަތު ގޯސްކޮށް ހުރި ތަނެއް.

މާލޭގެ މޭޔަރ އާދަމް އާޒިމް

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުން ބައެއް ވެއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތަނާއި ޖެހިގެން ހުރި އިމާރާތަށާއި ޕާކްކޮށްފައި ހުރި ދެ ސައިކަލުގެ އިތުރުން ދެ ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ހާދިސާ އާއި ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށްފައިވާނެ ކަމަށާއި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އިމާރާތުން ބައެއް ވެއްޓުނު ތަނަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތަނެކެވެ. މީގެ ކުރިން އެތަނުގައި ގައުމީ ޔުނިވާސިޓީގެ ކްލާސްތައް ވެސް ހިންގިއެވެ. އެހެންނަމަވެސް އެތަނުގެ ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތައް ހިންގުން ފަހުން ހުއްޓާލިއެވެ.

އެތަނުން ބައެއް ވެއްޓުމުގެ ސަބަބުން އާއްމުންގެ އުޅަނދުތަކަށް ގެއްލުން ވެފައި ވާއިރު އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ އާއްމުން ސުވާލު އުފައްދައެވެ. މީގެ އިތުރުން އާއްމުންނަށް ނުރައްކާވާ ގޮތަށް ހުރި މިފަދަ އެހެން އިމާރާތްތައް ތަޅާލާނީ އަނެއްކާ ވެސް މިފަދަ ހިތާމަވެރި ހާދިސާ އެއް ހިނގުމުންތޯ އާއްމުން ސުވާލު އުފައްދައެވެ. އަދި މިކަމާއި މެދު ކަމާއި ގުޅޭ އިދާރާތަކުން ހަނު ތިބުމުން އާއްމުން ދަނީ ފާޑުކިޔަމުންނެވެ.

- ކޮމެންޓް