މާލެ ސިޓީ ކައުންސިލުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބުމާއި، އޮޑިޓުގެ މަސައްކަތްތައް ލަސްވަމުންދާތީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ބުދަ ދުވަހު އޮޑިޓަރ ޖެނެރަލްއާ ބައްދަލުކުރެއްވުމަށް އޮޑިޓް އޮފީހަށް ވަޑައިގެންފި އެވެ.
މިކަމާ ގުޅިގެން މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ ދިހަވަރަކަށް އަހަރު ވެފައިވާ ކަމަށާއި، އޭނާ ސިޓީ ކައުންސިލާ ހަވާލުވުމާއެކު އެ ކައުންސިލް އޮޑިޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށި ކަމަށެވެ. އާޒިމް ވިދާޅުވީ އެންމެ ފުރަތަމަ ވެސް އެބޭފުޅާ ސިޓީ ކައުންސިލާ ހަވާލުވުމާ ވިދިގެން އެ ކައުންސިލް އޮޑިޓް ކުރަން ފެށި ކަމަށާއި، އޭރު އެ މަސައްކަތް ފެށުމުން އޮޑިޓްކުރުމުގެ މަސައްކަތަށް ބޭނުންވެގެން އޮޑިޓް އޮފީހުން އެދުނު ވަރަށްވުރެ ވެސް މާ ގިނަ މައުލޫމާތުތައް ހިއްސާކޮށްފައި ވާނެ ކަމަށެވެ.
އާޒިމް ވިދާލުވީ އޮޑިޓްކުރުމުގެ ކަންކަމަށް ހުރިހާ އެއްބާރުލުމެއް ދެމުން އަންނަ އިރުގައި ވެސް އޮޑިޓްގެ ކަންކަން ލަސްވެ، އަދި ސިޓީ ކައުންސިލުން ފޮނުވަމުންދާ އެއްވެސް ސިޓީއަކަށް ޖަވާބެއް ވެސް ނުލިބުމުން މިއަދު އޮޑިޓަރ ޖެނެރަލްއާ ބައްދަލުކުރަން ވަޑައިގެންނެވީ ކަމުގަ އެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ދައުލަތުގެ މާލިއްޔާތުން އޮޑިޓަރ ޖެނެރަލް އޮފީހަށް ބޮޑެތި ބަޖެޓުތައް ކަނޑައަޅާފައި ވާއިރު، މިހާރަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އިދާރާކަމަށްވާ މާލެ ސިޓީ ކައުންސިލަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވޭނަމަ މިއަދާ ހަމައަށް މި މައްސަލަ ދިމާނުވާނެ ކަމަށާއި، އަދި މިއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.
މިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ބައެއް މީޑިއާތަކުން މައުލޫމާތުތައް ފަތުރަމުންދާކަން ފާހަގަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، މީޑިއާތަކުންނާއި އެހެންވެސް ތަންތަނުން ޒިންމާދާރު ކުރުވަން ޖެހޭނީ އެކަމަކާ ގުޅުންހުރި މުއައްސަސާތައް ނުވަތަ އިދާރާތައް ކަމަށެވެ. އޮޑިޓުކުރުމުގެ ކަންކަމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކަށް ވާއިރު، އެ ޒިންމާ އެ އޮފީހަށް އަދާނުކުރެވުމުން، މާލެ ސިޓީ ކައުންސިލުން މިހާރު މިވަނީ، އޮޑިޓަރ ޖެނެރަލްގެ އޮފީސް ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކެނޑިނޭޅި ކުރަންޖެހިފައި ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޮޑިޓްކުރުމަކީ އިދާރާތަކުގެ ހިންގުމުގެ ސިޔާސަތުތައް ހަރުދަނާކޮށް، ޓްރާންސްޕޭރަންޓު ވެގެންދާނެ ސަބަބެއް ކަމަށް ވާއިރު، މާލެ ސިޓީގެ ހިންގުން މިހާރަށްވުރެ ވެސް ހަރުދަނާ ކުރައްވަން ބޭނުންފުޅުވެލައްވާތީ ވީހާވެސް އަވަހަކަށް އެ އިދާރާ އޮޑިޓްކުރުމުގެ ކަންކަން ނިންމެވުމަށް އާޒިމް ވަނީ އޮޑިޓަރ ޖެނެރަލްއަށް ގޮވާލައްވާފަ އެވެ.