އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރައްވައިފި އެވެ.
ޒެލެންސްކީ ވިދާޅުވީ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރެއްްވުމަށް، ހޯމަ ދުވަހު އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް އާ ބައްދަލު ކުރައްވައި، އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.ޒެލެންސްކީ މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ އެލަސްކާގައި ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ މުހިންމު ވާހަކަތައް ހިއްސާ ކުރެއްވުމަށް ޓްރަމްޕް ކުރެއްވި ފޯނު ކޯލަށް ފަހު އެވެ. އެގޮތުން ހޯމަ ދުވަހު ވޮޝިންޓަންގައި ޓްރަމްޕް އާ ބައްދަލު ކުރައްވާނެ ކަމަށާއި، މީހުން މެރުމާއި، ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން ތަފުސީލީ ގޮތެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ. ޒެލެންސްކީ ވިދާޅުވީ އޭނާ އާއި ޓްރަމްޕް އާ ދެމެދު ގިނަ އިރުތަކަކަށް ދެމިގެން ދިޔަ މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި، ފަހުން އެ މަޝްވަރާތަކުގައި ޔޫރަޕުގެ ލީޑަރުން ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި ޔޫރަޕުގެ ލީޑަރުންގެ ތާއީދު އޮތީ ޒެލެންސްކީ އަދި ޔުކްރެއިން އަށެވެ. ޒެލެންސްކީ ޓްރަމްޕްއާ ބައްދަލު ކުރައްވަނީ، އެލަސްކާގައި ޕުޓިން އާއެކު ޓްރަމްޕް ބައްދަލުވުން ބޭއްވިތާ ތިން ދުވަސް ފަހުންނެވެ. ޕުޓިން އާއެކު ޓްރަމްޕް ތާރީޚީ، އަދި މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންދެވި ނަމަވެސް، އެ ބައްދަލުވުން ނިމުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ނުކުރެވި އެވެ. އިތުރަށް ޒެލެންސްކީ ވިދާޅުވެފައި ވަނީ ސުލްހަވެރިކަން ހޯދުމަށް ޔުކްރެއިން އޮތީ ވީހާ ވެސް ބޮޑަށް މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި ޕުޓިން އާއި ޓްރަމްޕް އަދި ޒެލެންސްކީ ވެސް ބައިވެރިވާ ބައްދަލުވުމެއް ބޭއްވުމަށް ޓްރަމްޕް ހުށަހަޅުއްވާފައި ވާއިރު، އެ ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން މުހިންމު މައްސަލަތަކާ މެދު ލީޑަރުންގެ ފެންވަރުގައި މަޝްވަރާތައް ކުރިއަށް ގެންދެވި ދާނެ ކަމަށާއި، ތިން ރައީސުން ހިމެނޭ ބައްދަލުވުމެއް ބޭއްވުމަިީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ޔުކްރެއިން އިން ދެކޭ ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.
މިއީ އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގެންފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ އަރިހުގައި ނައިބު ރައީސް ޖޭޑީ ވޭންސްގެ އިތުރުން، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ބަައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުން ވަނީ ވަރަށް ހޫނުވެފަ އެވެ. އެގޮތުން ޓްރަމްޕް އާއި ޒެލެންސްކީ އާ ދެމެދު ހޫނު ޒުވާބުތަކެއް ކުރެވުނު އިރު، ނައިބު ރައީސް ވޭންސް އަދި ޒެލެންސްކީ ވެސް ވަނީ ހޫނު ބަހުސްތަކެއް ކުރައްވައިފަ އެވެ.
އޭގެ ފަހުން ވެސް ޒެލެންސްކީ އާއި ޓްރަމްޕް ބައްދަލު ކުރައްވާފައިވާއިރު، ފަހުން ދެ ބޭފުޅުންގެ ގުޅުން ވެސް ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން ގިނަ މަޝްވަރާތަކެއް ކުރެއްވުމަށް ފަހު، ޔުކްރެއިން އަށް އަސްކަރީ އެހީތެރިކަން ދިނުމަށް ވެސް ޓްރަމްޕް ނިންމެވި އެވެ.