ޕާކިސްތާނުގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން 160 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ޕާކިސްތާނުގެ އުތުރުގައި ބޯކޮށް ވެހުނު މޫސުމީ ވާރޭ އާއި ގުޅިގެން ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މަދުވެގެން 164 އަށް އަރައިފި ކަމަށް އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހުކުރު ދުވަހު ބުނީ، މަރުވި މީހުންގެ ތެރެއިން 150 މީހުން، ރެކޯޑު ކުރެވިފައި ވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ފަރުބަދަމަތީ ސަރަހައްދު ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ބާނަރ ޑިސްޓްރިކްޓުގައި 78 މީހުން މަރުވެފައިވެއެވެ.
އަނެއް ކޮޅުން ފެންބޮޑުވެފައިވާ ޕްރޮވިންސްގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރެއް މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓި، އޭގައި ތިބި ފަސް ފަޅުވެރިން މަރުވެއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.
އިސްލާމާބާދުން ރިޕޯޓުކުރަމުން، އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ މި ހެލިކޮޕްޓަރަކީ އަސްކަރީ އުޅަނދެއް ކަމަށެވެ.
ފަރުބަދަމަތީ ސަރަހައްދުތަކުގައި ހުރި ގެތައް ހަލާކުވުމާއެކު، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. މި ސަރަހައްދުގައި ހުކުރު ދުވަހު ކުއްލި ހާލަތު އިއުލާނު ކޮށްފައިވެއެވެ.
ބުރާސްފަތި ދުވަހު ބިންގަނޑު ކަނޑައިގެން ގޮސް ވެއްޓުމުގެ ސަބަބުން ގެއްލުން ލިބުނު ފަރުބަދަމަތީ ސަރަހައްދު މަންސެހްރާ ޑިސްޓްރިކްޓު ގައި ތާށިވެފައި ތިބި 1,300 ފަތުރުވެރިން ސަލާމަތްކުރެވިފައިވެއެވެ. މި ސަރަހައްދުތަކުން މަދުވެގެން 35 މީހުން ގެއްލިފައިވާ ކަމަށް އެތަނުގެ އޮފިޝަލުން ބުނެފައިވެއެވެ.
ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި އިތުރު 9 މީހުން މަރުވެފައިވާއިރު، އުތުރުގެ ގިލްގިޓް-ބަލްތިސްތާން ސަރަހައްދުގައި 5 މީހުން މަރުވެފައިވާ ކަމަށް އޮތޯރިޓީތަކުން ބުނެފިއެވެ.
މޫސުމާބެހޭ އިދާރާ އިން ޕާކިސްތާނުގެ އުތުރު-ހުޅަނގަށް ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، "ނުރައްކާތެރި ސަރަހައްދު ތަކުގައި ކޮންމެހެން ބެނުން ވެގެން މެނުވީ ބޭރުގައި ނޫޅުމަށް" މީހުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ބިންގަނޑު ކަނޑައިގެން ދިއުމާއި ކުއްލި ފެންބޮޑުވުމަކީ މި މޫސުމުގައި ޕާކިސްތާނުގައި އާންމުކޮށް ދިމާވާ ކަމެކެވެ. މި މޫސުން އާންމުކޮށް ފެށެނީ ޖޫން މަހުގައެވެ. އަދި ސެެޕްޓެމްބަރު މަހުގެ ނިޔަލަށް މޫސުން އަލިވެއެވެ.