ޣައްޒާގައި ބުރާސްފަތި ދުވަހު އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 17 މީހުން ޝަހީދު ކޮށްލައިފި ކަމަށް ސިވިލް ޑިފެންސް އިން ބުނެފިއެވެ.
މިއީ ޣައްޒާ ސިޓީ އަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުންދާ ދަނޑިވަޅެއް ކަން ރިޕޯޓުތައް ބުނެއެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ބުނެފައި ވަނީ ޝަހީދުވި މީހުންގެ ތެރޭގައި އިންސާނީ އެހީއަށް އިންތިޒާރު ކުރަމުންދިޔަ 6 އާންމު ރައްޔިތުން ހިމެނޭ ކަމަށެވެ.
"އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދަށް ދެމުންދާ ހަމަލާތައް އިތުރުކުރަމުންދޭ،" އޭނާ ބުންޏެވެ.
އިސްރާއީލުގެ ސިފައިންގެ ފަރާތުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
"ވިދިވިދިގެން ހަތަރު ދުވަހު މި ސަރަޙައްދަށް ހަނގުރާމައިގެ އޮޕަރޭޝަނެއް ހިންގައި، އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ އަދި ޒަޚަމްވެފައިވޭ،" ބައްސާލް ބުންޏެވެ.
"މިއަދު ފަތިހުން ފެށިގެން މި ސަރަޙައްދުގެ އާއިލާތަކާއި ރައްޔިތުންގެ ފަރާތުން 28 ކޯލް ލިބިފައިވޭ، އޭގެ ތެރެއިން ބައެއް މީހުންގެ ކުދިން މަރުވެފައިވޭ."
"ގިނަ އަދަދެއްގެ މީހުންނަށް މި ސަރަޙައްދުތަކުން ނުކުމެވެކަށް ނެތް، އާޓިލަރީ ހަމަލާތަކުގެ ސަބަބުން،" ތަރުޖަމާނު އިތުރުކުރިއެވެ.
ޒައިތޫންގެ ރައްޔިތެއް ކަމަށްވާ މަރަމް ކަޝްކޯ އޭއެފްޕީ އަށް ބުނެފައި ވަނީ ވޭތުވެ ދިޔަ ހަތަރު ދުވަހު ހަމަލާތައް އިތުރުވެފައިވާ ކަމަށެވެ.
އޭއެފްޕީގެ ވީޑިއޯގްރާފަރެއް ބުނެފައިނެފައި ވަނީ ޝަހީދު ވި މީހުންގެ ހަށިގަނޑުތައް ޣައްޒާ ސިޓީގެ އަލް-އަހްލީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އޭގެ ކުޑައިރުކޮޅެއްގެ ފަހުން ސައްޔިދު ހާޝިމް ޤަބުރުސްތާނުގައި އެމީހުން ވަޅުލެވުނު ކަމަށެވެ.
ބުދަ ދުވަހު އިސްރާއީލުގެ ސިފައިންގެ އިސްވެރިޔާ ބުނެފައި ވަނީ ޣައްޒާ ސްޓްރިޕްގައި އެމީހުން ހިންގާ އައު އޮޕަރޭޝަނެއްގެ ޕްލޭނަކަށް ހުއްދަ ދީފައިވާ ކަމަށެވެ. މި ޕްލޭންގެ މަޤްޞަދަކީ ހުރިހާ ރަހީނުން މިނިވަން ކުރުމާއި ޙަމާސް ބަލިކުރުން ކަމަށް ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިންގެ މަޤްޞަދަކީ ޣައްޒާ ސިޓީ އާއި އެތަނުގެ ވަށައިގެންވާ ރެފިއުޖީ ކޭމްޕްތައް ކޮންޓްރޯލްކުރުމެވެ. މިއީ ފަލަސްތީނު ސަރަޙައްދުގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުތަކުގެ ތެރެއިން ބައެކެވެ. މި ސަރަޙައްދަށް 22 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގައި ދިން ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.
ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި، ޒައިތޫން ސަރަޙައްދަށް ތަކުރާރުކޮށް ވައިގެ ހަމަލާތައް ދެވިފައިވާކަން ގިނަ މަޞްދަރުތަކުން ހާމަކޮށްފައިވެއެވެ.
މި ނުރައްކާތެރި އިންސާނީ ޙާލަތަށް އިތުރު ދަތިކަމެއްގެ ގޮތުގައި، ޣައްޒާ އަށް މިވަގުތު ހޫނުގަދަ މޫސުމެއް ކުރިމަތިވެފައި ވާކަން ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން ޚާއްޞަކޮށް ޓެންޓުތަކާއި ވަގުތީ ހިޔާވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެއެވެ.
"މި ހޫނު ތަޙައްމަލު ކުރަން ވަރަށް އުނދަގޫ. އަހަރެމެން ދިރިއުޅެނީ ނައިލޯން ޓެންޓެއްގައި -- ދުވާލުގެ ވަގުތުތަކުގައި އެތެރޭގައި ތިބެވޭކަށް ނެތް، އެއްވެސް ވައި ދައުރުވުމެއް ނެތް،" އަލް-މަވާސީ ކޭމްޕުގައި އުޅެން ޖެހިފައިވާ އުމުރުން 40 އަހަރުގެ އުމްމު ޚާލިދު އަބޫ ޖަޒަރު ބުންޏެވެ.
"އަހަރެންގެ ކުދިންނަށް ހަމުގެ ބަލިތައް ޖެހިފައިވޭ. ބޯ ފެންވެސް ހުންނަނީ އިރުގެ ހޫނުން ހޫނުވެފައި. އަހަރެމެން ފިނިކުރާނެ އެއްވެސް އެއްޗެއް ނެތް. މި ހޫނުގެ ސަބަބުން އަހަރެމެންނަށް ދުވަހުން ދުވަހަށް ކުރިމަތިވާ ދަތިތަކަށް އިތުރު ބުރައެއް ކުރިމަތި ވެގެންދޭ،" ފަސް ކުދިންގެ މަންމަ އޭއެފްޕީ އަށް ބުންޏެވެ.