އިސްރާއީލް އަށް އަމާޒުކޮށް ޔަމަން އިން ފޮނުވާލި މިސައިލެއް ރައްކާތެރިކަމާ އެކު ހުއްޓުވާފައިވާ ކަމަށް، އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި އެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޔަމަން އިން ފޮނުވާލި މިސައިލެއް އިސްރާއީލްގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށެވެ.
މި މިސައިލް ހަމަލާ އަކީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، އިސްރާއީލް އަށް އަމާޒުކޮށް ޔަމަންގެ ހޫތީ ޖަމާއަތުން ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށް ބުނެފައިވެ އެވެ. މީގެ ކުރިން ވެސް ހޫތީ ޖަމާއަތުން ބުނެފައި ވަނީ އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދާހާ ހިނދަކު، ޣައްޒާގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން އިސްރާއީލް އަށް ހަމަލާ ދޭނެ ކަމަށެވެ.
އިސްރާއީލްގެ ސިފައިންގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ވަނީ، ޔަމަން އިން ފޮނުވާލި މިސައިލް ހުއްޓުވާފައިވާ ކަމަށް ބުނެ ބަޔާނެއް އާންމު ކޮށްފަ އެވެ. އެ ހަމަލާއާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބަޔާނެއް ނެރެފައިވީ ނަމަވެސް، މިހާތަނަށް އައިއިރު އެއްްވެސް ފަރާތަކުން އެ ހަމަލާގެ ޒިންމާ ނަގާފައި ނުވެ އެވެ.
އީރާންގެ އެހީތެރިކަން ލިބިގެން ޙަރަކާތްތެރި ވަމުން އަންނަ ހޫތީ ޖަމާއަތުން ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ފެށި ފަހުން އެ ޤައުމަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެ.
ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސްވުމަށް ފަހު، އެ އެއްބަސްވުމާ ޚިލާފަށް މިއަހަރުގެ މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ. އެއާ އެކު ހޫތީ ޖަމާއަތުން ވެސް ވަނީ އިސްރާއީލަށް ހަމަލާތައް ދޭން ފަށާއިފަ އެވެ.