ދެކުނު ކޮރެއާގެ ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް ގެ އަނބިކަނބަލުން އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.
އޭނާ ހައްޔަރު ކުރީ ރިޝްވަތާއި ޚިޔާނާތުގެ ތުހުމަތު ތަކުގައެވެ.
ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ވަނީ އަންގާރަ ދުވަހު ސޯލް ގައި ބޭއްވުނު ހަތަރު ގަޑިއިރުގެ ކޯޓު އަޑުއެހުމެއްގައި ހުރިހާ ދައުވާ ތަކަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ކޯޓުން ވަނީ ހެކި ނައްތާލުމުގެ ފުރުސަތު އޮތްކަމަށް ބުނެ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.
ދެކުނު ކޮރެއާ އަކީ އެ ގައުމުގެ ކުރީގެ ރައީސުންގެ މައްޗަށް ދަޢުވާ ކޮށް ޖަލަށްލުމުގެ ތާރީޚެއް އޮތް ގައުމެކެވެ. ނަމަވެސް މިއީ ކުރީގެ ރައީސާއި ކުރީގެ ފަސްޓް ލޭޑީ ދެމީހުން އެކުގައި ޖަލަށްލެވުނު ފުރަތަމަ ފަހަރެވެ.
ޔޫން ވަނީ ޖެނުއަރީ މަހު ހައްޔަރު ކުރެވިފައެވެ. އެއީ ފާއިތުވި އަހަރު ގައުމު ހަމަނުޖެހުމަކަށް ވައްޓާލި އަދި އޭނާ ވެރިކަމުން ވައްޓާލުމަށް މަގުފަހިކުރި ނާކާމިޔާބު މާޝަލް ލޯ އިއުލާނު ކުރުމުގެ ހާދިސާ ގެ ޝަރީޢަތް ކުރުމަށްޓަކައެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ކިމް (52 އަހަރު) ވަނީ ދެކުނު ކޮރެޔާ ގެ ބީއެމްޑަބްލިއު ޑީލަރެއް ކަމަށްވާ ޑޮއިޗް މޯޓަރސްގެ ސްޓޮކް ގެ އަގު މަތިކުރުމުގެ ރޭވުމެއްގައި ބައިވެރި ވެގެން 577,940 އެމެރިކާ ޑޮލަރުގެ ފައިދާ ހޯދާފައެވެ.
މިކަން ހިނގާފައި ވަނީ އޭނާގެ ފިރިކަލުން ގައުމުގެ ވެރިކަމަށް ހޮވުމުގެ ކުރިން ކަމަށްވީ ނަމަވެސް، މިކަމުގެ ހިޔަނި އޭނާގެ މުޅި ވެރިކަމުގައި ވެސް ވަނީ އެޅިފައެވެ.
އޭގެ އިތުރުން އޭނާގެ މައްޗަށް ރިޝްވަތުގެ ގޮތުގައި ދެ ޗެނެލް ދަބަހާއި ޖަވާހިރު ހާރެއް ހޯދާފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ. އެއީ ވިޔަފާރީގެ ފައިދާތަކެއް ހޯދައިދިނުމަށް ކަމަށް ބެލެވެއެވެ.
އެހެނިހެން ދަޢުވާތަކުގެ ތެރޭގައި، 2022 ވަނަ އަހަރުގެ ގާނޫނު ހަދާ މަޖިލިހުގެ ބައި-އިލެކްޝަންތަކުގަ އާއި ފާއިތުވި އަހަރުގެ އާންމު އިންތިޚާބު ގައި ކެންޑިޑޭޓުން ނޮމިނޭޓް ކުރުމުގައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވެސް ހިމެނެއެވެ.
ޔޫން ރައީސް ކަމުގައި ހުންނެވި އިރު، އޭނާ ވަނީ ކިމްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ޚާއްޞަ ތަޙުޤީޤެއް ހިންގުމަށް އެދި އިދިކޮޅު ފަރާތްތަކުން ގާނޫނު ހަދާ މަޖިލިހަށް ހުށަހެޅި ތިން ބިލެއް ވީޓޯ ކޮށްފައެވެ.
އޭނާ އެންމެ ފަހުން މިފަދަ ބިލެއް ވީޓޯ ކުރެއްވީ ނޮވެމްބަރު މަހު، މާޝަލް ލޯ އިޢުލާނު ކުރުމުގެ އެއް ހަފްތާ ކުރިންނެވެ.
ޔޫންގެ ވާދަވެރިޔާ ލީ ޖޭ މިޔުންގް ރައީސް ކަމަށް ހޮވުމާ އެކު، މި މައްސަލަތައް ތަހުގީގު ކުރުމަށް މި އަހަރުގެ ޖޫން މަހު ވަނީ ޚާއްޞަ ތަޙުޤީޤު ކޮމިޓީއެއް އެކުލަވާލާފައެވެ.