ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލިވެވަޑއިގެންނެވި ފަހުން ބ.ކިހާދޫ އަށް ބޭނުންވާ ކަންކަން ތަކުރާރުކޮށް އެމަނިކުފާނާ ހިއްސާ ކުރައްވަފައި ވީނަމަވެސް މިއަދާއި ހަމަޔަށް ވެސް ވައުދުތައް ނުފުއްދާތީ، ކިހާދޫ ކައުންސިލްގެ ރައީސް ހުސެން ޝާފިއުގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައްވައިފިއެވެ.
ހަސަން ޝާފިއު މިމޭރުމުން ވާހަކަ ދެއްކެވީ ރައީސް މުއިއްޒު ކިހާދޫ ރައްޔިތުންނާ ބައްދަލު ކުރުމަށް ބުދަދުވަހު އެރަށަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައެވެ.
ރައީސް މުއިއްޒު ވެރިކަމާ ހާވާލުވެވަޑައިގަތް ފަހުން ދެ ފަހަރެއްގެ މަތިން ބ. ކިހާދޫ ކައުންސިލްގެ ފަރާތުން ރައީސް އާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ހިއްސާކޮށްފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދާ ހަމަޔަށް މި ކަންކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ، ރައިީސް މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތްކުރެއްވި މީހެއްގެ ހައިސިއްޔަތުން އަދި ކިހާދޫ ރައްޔިތުންގެ ހައްގުގައި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ވައުދުތައް ފުއްދެވުމަށް ކިހާދޫ ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.
މިގޮތުން ޝާފިއު ވަނީ އެއްވެސް ކަހަލަ އަމަލީ މަސައްކަތެއް ފެށިފައިނުވާ އަދި މި ދަތުރުގެ ކުރިންވެސް ރައީސްއާ ހިއްސާ ކޮށްފައިވާ ބައެއް ކަންކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހުއްޓިފައިވާ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށާ އަވަސް މުސްތަގުބަލެއްގައި ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުން، ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށާއި ރައީސްގެ ރިޔާސީ ވައުދާ އެއްގޮތައް ކިހާދޫ އިންޖީނުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ލިބޭނެ ގޮތަަކަށް ރީލޮކޭޓް ކޮށްދިނުން، މަސަައްކަތް ހަވާލުކުރުމަށް ފަހު ގިނަ ދުވަސްތަކެއް ވެފައިވާ ކިހާދޫ ފުޓުބޯޅަ ދަނދުގެ ޓާފް އެޅުމުގެ މަސައްކަތް އަވަސް ކޮށްދިނުން، އެރަށުގައި ގާއިމްކޮށްފައިވާ ޓިވެކް ސެންޓަރ ސަރުކާރުން އަޅާނުލުމުގެ ސަބަބުން ވީރާނާ ވެގެންދާތީ އެސެންޓަރު ރައްޔިތުން އެދޭގޮތަށް ކައުންސިލާ ހަވާލުކޮށް ރައްޔިތުންނަށް މަންފާ އެއް ލިބޭނެ ތަނަކަށް ހައްދަވައިދެއްވުން، މީގެ އިތުރުން އެސަރަހައްދުގައިވާ ހުރާފަޅު ފިނޮޅު ކިހާދޫ ރައްޔިތުންނާ އެސަރަހައްދުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުން ކުރެވޭނެ ގޮތައް ތަރައްގީކުރުމަށް ކިހާދޫ ކައުންސިލާ ހަވާލުކުރުމަށް އެދިފައިވެއެވެ.
ރައީސް މުއިއްޒަށް ކިހާދޫ އިން ރިޔާސީ އިންތިހާބުގައި ފުރިހަމަ އަގުލަބިއްޔަތު ހޯދައިދީ ވެރިކަމަށް ގެންނަން މަސައްކަތް ކުރީ ވަރަށް ފޮނި އުއްމީދުތަކަކާއި އެކުގައި ކަމަށް ވެސް ޝާފިއު ފާހަގަކުރެއްވިއެވެ. ރިޔާސީ އިންތިހާބު ކެމްޕެއިން ތެރޭގައި ވެސް ރައީސް މުއިއްޒަށް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އަދި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހިއްސާ ކުރެވިފައި ވާނޭ ކަމާއި އަދި ވެރިކަމުގެ ހުވާ ކުރެއްވިފަހުން 2024 ވަނަ އަހަރު ބ. ކެންދޫގައި ރައީސް އާއެކު ބޭއްވި ބައްދަލު ވުމެއްގައި މިކަންކަން ހިއްސާ ކުރެވިފައިވާނޭ ކަމަށް ޝާފިއު ވިދާޅުވިއެވެ.
ޝާފިއުގެ ވާހަކަ ނިންމާލަމުން ވަނީ، ރައްޔިތުންގެ ފަރާތުން އެދިފައިވާ ކަންކަން ލަސްނުކޮށް ފުރިހަމަ ކޮށްދިނުމުގެ އިންތިޒާމް ދައުލަތުގެ ތެރެއިން ހަމަޖައްސައި ދިނުމަށް ރައީސް މުއިއްޒުގެ އަރިހުން ތަކުރާރުކޮށް އެދިލައްވާފައެވެ.