Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 10:30
ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ އަމީރެއް ކަމަށްބުނެ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ފަހަދް ސައުދު އަލް ޝަލަން
ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ އަމީރެއް ކަމަށްބުނެ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ފަހަދް ސައުދު އަލް ޝަލަން
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ފަހަދު އަކީ ސައުދީ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިއެއް، ރާއްޖެ ވަޑައިގަތީ އަމިއްލަ ދަތުރެއްގައި
ފޭކް ޕްރިންސް ފަހަދް އަކީ ސައުދީ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލެއް
އޭނާ އޭރު ރާއްޖެ ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރެއްވި ފޭކް ޕްރިންސް ކަމަށް ބުނާ ފަހަދް ސައުދު އަލް ޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއެއްގެ އަމީރާއެއްގެ ދަރިކަލެއް ކަމަށާއި، ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި ކަމަށް ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ފަހަދް ރާއްޖެ އައިސްފައި ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއު އިފުތިތާހު ކުރުމާއި، ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ. އަދި އެ ދަތުރުގައި އޭނާ ވަނީ ރައީސް އޮފީހުގައި ރައީސް މުޢިއްޒުއާ ބައްދަލު ކުރައްވައިފަ އެވެ.

ނަމަވެސް އެއީ ސައުދީ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި، އެއީ ފޭކް ޕްރިންސްއެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާން ފެށުމުން ރައީސް އޮފީހުން ވަނީ އެ ބައްދަލުވުމުގެ ޚަބަރާއި ފޮޓޯތައް އެ އޮފީހުގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ އިން ޑިލީޓު ކޮށްފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ކުރެއްވި ސުވާލުގައި ބުނެފައި ވަނީ، "ފްރިންސް" ފަހަދް ސައުދު އަލް ޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ފަރާތެއް ތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޚަލީލް ވިދާޅުވެފައި ވަނީ، ފޭކް ޕްރިންސް ފަހަދް އަކީ ސައުދީ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލެއް ކަމަށެވެ. އަދި އޭނާ އޭރު ރާއްޖެ ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގައި ކަމަށާއި، އެއީ އަމިއްލަ ބައެއް މަސައްކަތް ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ފަހަދް ސައުދު އަކީ ޝަހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް، އެ ބޭފުޅަކީ. ރާއްޖެ އަށް އޭރު ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގައި، އަމިއްލަ ބައެއް މަސައްކަތްޕުޅުތައް ކުރެއްވުމަށްޓަކައި ވަޑައިގެންފައި ވަނީ.

ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް

މިނިސްޓަރު ޚަލީލްގެ ޖަވާބާ ގުޅިގެން މެމްބަރު މީކާއީލް ވިދާޅުވީ، "ހިޒް ރޯޔަލް ހައިނަސް" ގެ ޓައިޓަލް ސައުދީ އަރަބިއްޔާގައި އަރުވަނީ ކިންގު ޢަބްދުލް ޢަޒީޒްގެ ދަރީންނާއި ކާފަ ދަރިންނަށް ކަމަށެވެ. އަދި އެކަން މިނިސްޓަރި ޚަލީލް އަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓާއި، ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި "ހިޒް ރޯޔަލް ހައިނަސް" ގެ ޓައިޓަލް އަރުވައި، އެ ބޭފުޅާއާ ބައްދަލު ކުރެއްވި ޚަބަރު މިހާރު ޑިިލީޓު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން އެކަން ކޮށްފައި ވަނީ ގޯސްކޮށް ކަމަށް މިނިސްޓަރު ޤަބޫލު ކުރައްވަނީތޯ މެމްބަރު ސުވާލު ކުރެއްވި އެވެ.

ނަމަވެސް އެ ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރު ޚަލީލް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އޭގެ ބަދަލުގައި ޚަލީލް ވިދާޅުވެފައި ވަނީ ރާއްޖެ އަށް ވަޑައިގަންނަވާ އިންވެސްޓަރުންނާ ގުޅޭ ގޮތުން އިދިކޮޅުގައި ތިއްބަވާ ބޭފުޅުން އަދި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެ ފަދަ ވާހަކަ ދައްކަވަން ނުވާނެ ކަމަށެވެ.

އެއާއެކު ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެ މެމްބަރު މީކާއީލް ވަނީ ނިޒާމީ ނުކުތާ ނަންގަވައިފަ އެވެ. ނަމަވެސް ރިޔާސަތުން ވަނީ އެ ސުވާލަށް ޖަވާބު ލިބިފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިތުރު ފުރުސަތެއް ދެއްވާފައި ނުވެ އެވެ.

- ކޮމެންޓް