ޣައްޒާގެ އިންސާނީ ހާލަތު ހިތައް ނުގެނެވޭހާ ގޯސްވެއްޖެ ކަމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ބުނެފިއެވެ.
އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި އެހެނިހެން ޔޫރަޕް ގެ ބައެއް ޤައުމުތައް ހިމެނޭ ގޮތުން ޣައްޒާގެ އިންސާނީ ހާލަތު ވަނީ ހިތައް ނުގެނެވޭހާ ވަރަށް ގޯސްވެފައި ކަމަށް ބުނެ، ޣައްޒާ އަށް އެހީ ފޯރުކޮށް ދިނުމަށް މަގުފަހި ކޮށްދިނުމަށް އިސްރާއީލަށް ގޮވާލައިފިއެވެ.
އިނގިރޭސި ވިލާތް މެދުވެރިކޮށް އަންގާރަ ދުވަހު ނެރުނު މިބަޔާނުގައި، ޣައްޒާގައި ހައިހޫނުކަން އިންތިހާ އަށް އިތުރުވެފައިވާ ކަމަށާއި، މިކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި ބައިނަލްއަޤްވާމީ އެން.ޖީ.އޯ ތަކަށް އެހީގެ މަގު ހުޅުވާލުމަށާއި، އިންސާނީ އެހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތައް ނައްތާލުމަށް އިސްރާއީލުގެ ސަރުކާރަށް ގޮވާލާފައިވެއެވެ.މިބަޔާނުގައި ޖުމްލަ 27 ޤައުމަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ސޮއިކޮށްފައިވެއެވެ.
މިހާރު ޣައްޒާގައި ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުންދާއިރު ވެސް އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށް ކޮންމެ ދުވަހަކު އެތައް ބަޔަކު ގެންދަނީ ޝަހީދު ކުރަމުންނެވެ.