ބ. ގޮއިދޫ ގައި ސަރުކާރުން އަޅަން ބުނި މަލްޓިޕާޕަސް ހޯލުގެ އަޕްޑޭޓް އެއް ބޭނުންވާ ކަމަށް ރައީސް އަށް އެ ރަށު ކައުންސިލުން ދަންނަވައިފި އެވެ.
މިކަން ފާހަގަ ކުރީ އެ ރަށަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ރަށުގެ ކައުންސިލް އާއި މުއައްސަސާތަކުގެ ވެރިންނާއެކު އަންގާރަ ދުވަހު ބޭއްވި ބައްދަލު ވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް، ބައެއް ވަޞީލަތްތައް ގާއިމުކުރުމާއި އަވަށު މެދުގައި ފެނަކަ ހުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމާއި ފެނަކައިގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެނަކައަށް އައު އޮފީސް އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށުގެ ޓޫރިޒަމް ޒޯނަށް ކަރަންޓު ދެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ހަދައިދިނުމާއެކު އިކޯ ޓޫރިޒަމަށް ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ގޮއިދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްޓާފް ރޫމްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ އިތުރުން ސްކޫލްގެ ކަރަންޓުގެ ހާލަތުގެ ކަންބޮޑުވުން މި ބައްދަލުކުރެއްވުމުގައި ފާޅުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.