ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އައްޔަނުކުރުމަށް ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އެޗްއާރްސީއެމް އަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވާފައި މި ވަނީ އެޗްއާރްސީއެމްގެ ދެ މެންބަރުންގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީއެވެ.
އެ މަގާމަށް އައްޔަންކުރަން ރައިީސް ފޮނުއްވާފައި ވަނީ މުހައްމަދު ފާރިސް ތޯހާ ހ. ސޯސަން އަދި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަމެވެ.
އިތުރު ބޭފުޅެއްގެ ނަން ރައީސް ފޮނުއްވާފައި ނުވާ އިރު، ރައީސް ހުށަހެޅުއްވި ނަންތައް ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހޯމަ ދުވަހު ވަނީ ފޮނުވާފަ އެވެ.
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ދެ ފަހަރަށް އިއުލާން ކުރިއެވެ. އެގޮތުން ޖޫން މަހާއި ޖުލައި މަހު ވެސް އެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލި އިރު ދެވަނަ ފަހަރަށް އެ މަޤާމަށް ކުރިމަތިލާން ހުޅުވާލި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.