ބޭރުގެ ގައުމުތަކާއެކު ގުޅުން ގާއިމްކުރާ އިރު އިސްކަންދޭނީ ދިވެހިންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ވާހަކަ ސަރުކާރަށް 2 އަހަރު ފުރުމުން އަނެއްކާ ވެސް ތަކުރާރުކުރައްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ހަމަ އަބަދުވެސް "މޯލްޑިވްސް ފަސްޓް" ސިޔާސަތު ގެންގުޅުއްވާނެ ކަމަށެވެ. ރައްޔިތުންނަށް ވެސް ބޭނުންވަނީ ބޭރުގެ ގުޅުމުގެ ތެރެއިން ގައުމަށް އެންމެ ރަނގަޅު ސިޔާސަތުތަކެއް ކަމަށާއި މިހާތަނަށް ސަރުކާރުން މަސައްކަތް ކުރައްވާފައިވަނީ އެ ދިމާލަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ދުނިޔޭގެ ގިނަ ގައުމުތަކާ ގާތް ގުޅުން ގާއިމުކޮށްފައިވާ ކަމަށާއި އެގޮތުން މުހިއްމު ބޭރުގެ ގައުމުތަކުގައި ސަފީރުކަންތައްތައް ގާއިމުކޮށް 27 ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ނުވަތަ ސަފީރުން ޢައްޔަންކުރައްވާފައިވާ ކަމަށެވެ.
އޭގެ ސަބަބުން އިންވެސްޓްމަންޓުތައް ގައުމަށް ލިބިގެންއެބަދޭ. އަޅުގަނޑުމެންގެ މިހާރު ތިބި ސަފީރުން އެހެން ގައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި މީގެ ކުރިން އެއްވެސް އިރެއްގައި އައްޔަން ނުކުރެވޭވަރަށް އަޅުގަނޑު މިވަނީ އައްޔަންކޮށްފައި. އެއީ އެ ބޭނުމަކީ ސީދާ އެ ގައުމަށް ހާއްސަ ކުރެވިފައިހުރި ސަފީރެއް ހުރުމުން ލިބޭ ފައިދާ އެތައް ގުނައެއް ބޮޑުވެގެން އެބަދޭ. އެ ގުޅުން ބަދަހިކުރުމުން ލިބޭ އެތައް ބޮޑު ކުރިއެރުންތަކެއް އެބަހުރި.
ރައީސް ޑރ. މުހަައްމަދު މުއިއްޒު![]()
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމުތަކާ ގުޅުން ވަރުގަދަކޮށް ވީސާ ނެތި އިތުރު ގައުމުތަކަށް ދަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
ޢަރަބި އިސްލާމީ ގައުމުތަކާ ބޭރުގެ ގުޅުން ވަރުގަދަކުރުމަށް ސްރީލަންކާއިން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެ، ސައޫދީ ޢަރަބިއްޔާއާ ގާތް ގުޅުން ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މި ގާތް ގުޅުމުގެ ސަބަބުން ސްރީލަންކާ، މައްކާ ރޫޓް އިނިޝިއޭޓިވްގައި ވެސް ހިމެނިފައިވާ ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.