އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އުވާލަން މުއިއްޒު ނިންމަވައިފި އެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމު ޒިންމާ މަތި ކުރެވިފައިވާ އީޕީއޭ އުވާލުމަށްފަހު، އެތަނުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އޭގެ އިތުރުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަދާ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ޕްރޮސެސް ކުރުކޮށް، އަވަސް ކުރެވޭނެ ގޮތްތަކެއް ބަލައި، ތަރައްގީގެ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ގަވައިދު ތަކާއި އުސޫލުތައް ބަދަލު ކުރުމަށް ވެސް މުއިއްޒު ވަނީ އަންގަވާފައެވެ.
އީޕީއޭ އުވާލަން ސަރުކާރުން ނިންމި އިރު އެ އޮފީސް ހިނގަމުން ދިޔަ ގްރީން ބިލްޑިންގ ވެސް ވަނީ މި ސަރުކާރުގެ ތެރޭގައި އަނދާ ހުލިވެގެން ގޮސްފައެވެ.
ގްރީން ބިލްޑިންގ އަދާ ހުލި ވުމާއެކު، އެ އިމާރާތުގައި ހިނގަމުން ދިޔަ އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް ސަރުކާރުން އުވާލުމަށް ފަހު އެ މިނިސްޓްރީގެ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލު ކޮށްފައެވެ.
ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އުފެދުނީ 18 ޑިސެމްބަރު 2008 ގައި، ރައީސް މުހައްމަދު ނަޝީދުގެ ޤަރާރަކުންނެވެ. މިއީ އެންވަޔަރަންމަންޓަލް ރިސަރޗް ސެންޓަރާއި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ އެއްކޮށްލައިގެން އުފެއްދި އިދާރާއެކެވެ. މިނިވަން އިދާރާ އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އުފެއްދި އީޕީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް، އަދި ބެލެހެއްޓުމާއި، ކުނި މެނޭޖްކުރުމާއި، އަދި ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުން ހިމެނެއެވެ. އީޕީއޭ ގެ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތަކާ ބެހޭ ރިޕޯޓު ތަކާ ބެހޭ އެންމެހާ މަސައްކަތްތައް ހިމެނެއެވެ.