ފަލަސްްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނަން އޮސްޓްރޭލިއާ އިން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ވިދާޅުވެއްޖެ އެވެ.
ބޮޑު ވަޒީރު އަލްބަނީސް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު، އެމެރިކާގެ ނިއު ޔޯކުގައި އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި އޮސްޓްރޭލިއާ އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް ތާއީދު ކުރާނެ ކަމަށެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު އާންމު ކުރި އިއުލާން ގައި ބޮޑު ވަޒީރު އަލްބަނީސް ވިދާޅުވެފައި ވަނީ، ފަލަސްޠީނު އޮތޯރިޓީ އިން ދެއްވާ ޔަގީންކަމުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް އޮސްޓްރޭލިއާ އިން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ޣައްޒާގައި ހަމާސް ޖަމާއަތުގެ އެއްވެސް ދައުރެއް މުސްތަޤުބަލުގައި ނޯންނާނެ ކަމުގެ ޔަގީންކަން ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އަދި މެދު އިރުމަތި ހަނގުރާމައިގެ ޙާލަތުން އަރައި ގަތުމަށް، ޣައްޒާގެ ހަނގުރާމަ އާއި ދުއްތުރާތައް ނިމުމަކަށް ގެނައުމަށް އެންމެ ރަނގަޅު ޙައްލަކީ ދެ ދައުލަތުގެ ޙައްލު ކަމަށް އަލްބަނީސް ވިދާޅުވެފައިވެ އެވެ.
އޮސްޓްރޭލިއާގެ މި ނިންމުމުގެ ސަބަބުން، އެ ޤައުމަށް ބައިނަލްއަޤުވާމީ މައިދާނުގައި އިތުރު ފިއްތުންތަކާއި، ޕްރެޝަރުތައް ކުރިމަތިވާނެ ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެއްކެވި ވާހަކައިގައި، ހަނގުރާމައިގެ ހައްލެއްގެ ބަދަލުގައި ސިޔާސީ ހައްލެއް ބޭނުންވާ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވާ ކަމަށް އަލްބަނީސް ވިދާޅުވި އެވެ. ހަމަ އެހެންމެ، ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް އިސްރާއީލް އިން ނިންމާފައިވާ ނިންމުމަށް އޮސްޓްރޭލިއާ އިން ވަނީ ފާޑު ވެސް ކިޔައިފަ އެވެ.
ފަލަސްތީން އޮތޯރިޓީ އިން ވަނީ ވެރިކަން ހިންގުމުގެ އިސްލާހުތަކާއި، ހަތިޔާރު ނެތް ދައުލަތެއް ގާއިމު ކުރުމާއި، އާންމު އިންތިހާބުތައް ބޭއްވުމަށް އެއްބަސްވެފަ އެވެ.
ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން އޮސްޓްރޭލިއާ އިން ނިންމާފައިވާއިރު، ފާއިތުވި ދުވަސް ތަކުގައި ޔޫރަޕުގެ ގިނަ ޤައުމު ތަކަކުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ. އެންމެ ފުރަތަމަ އެ ނިންމުން ނިންމާފައި ވަނީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވަނީ، އެ ޤައުމުން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
އެ ދެ ޤައުމުގެ ފަހަތުން ކެނެޑާ އާއި މޯލްޓާ އިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން ޕޯޗުގަލް އިން ވެސް ވަނީ، ފަަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމާ މެދު ސިޔާސީ ލީޑަރުންނާ އެކު މަޝްވަރާ ކުރާނެ ކަމަށް ބުނެފަ އެވެ. ނިއުޒިލެންޑް އިން ވެސް ބުނެފައި ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމާ މެެދު ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.
ގިނަ ޤައުމު ތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާއިރު، އިސްރާއީލްގެ އިތުރުން، އިސްރާއީލްގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާ އިން ވެސް ވަނީ އެ ޤައުމުތަކަށް ފާޑު ކިޔައިފަ އެވެ.