އެންގި ގަޑިއަށްވުރެ ކުރިން މާލެ އާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރުމަށް ހަމަޖެހިފައިވާތީ 10:00 އިން 10:30 އާއި ދެމެދު ގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް 9:30 ހާއިރު މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
މީގެ ކުރިން މާލޭގެ ކަރަންޓު ކެނޑުމުގެ މައްސްލަ ބޮޑުވެ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެކަން ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކޤރުން ކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. 1 ޖޫން 2025 ގައި މުޅި މާލެ، ހުޅުމާލެ އަދި ހުޅުލޭ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިޔަސް މައްސަލައެއްގއ ގޮތުގައި ބެލުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ހޮނިހިރު ދުވަހު އަނެއްކާވެސް މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ދިއުމުން ރައީސް މުޢިއްޒާ ސަރުކާރަށް އާންމުންގެ ފާޑުކިއުން ވަނީ އަމާޒު ވެފައެވެ.
އެގޮތުން ކުރިން ދިމާވި މައްސަލަ ހައްލު ކުރާނެ ކަމަށް ވިދާޅުވިތާ އެންމެ 2 މަސް ފަހުން އަނެއްކާވެސް މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ދިއުމަކީ ސަރުކާރުގެ ފައިލިއާރ އެއްކަމަށް ފާޑު ކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.