ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ މައްސަލައި މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމަޕް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.
ނިއުޔޯކް ޓައިމްސް އިން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި، އަންނަ ހަފުތާގެ ތެރޭގައި ޕުޓިންއާ ބައްދަލު ކުރައްވަން، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ރާއްވަވާއިފަ އެވެ.
ދެ މަސްދަރަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި، ޔޫރަޕުގެ ލީޑަރުންނާ އެކު ފޯނު މެދުވެރިކޮށް ދެއްކެވި ވާހަކައިގައި ޓްރަމްޕް ވަނީ، އަންނަ ހަފުތާގެ ތެރޭގައި ރަޝިޔާގެ ރައީސް ޕުޓިންގެ އިތުރުން، ޔުކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީއާ ބައްދަލު ކުރައްވަން ރާއްވަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވެފައި ވަނީ، ރަޝިޔާ އިން ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލު ކުރުމަށް ހުށަހަޅާފައި ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ހުންނެވީ، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ވެސް ބައްދަލު ކުރުމަށް ޓްރަމްޕް ބޭނުން ވަނީ، ވީ އެންމެ އަވަހަށް ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ ޙައްލެއް ހޯދުމަށެވެ. ޚާއްސަކޮށް ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ބާރު އަޅުއްވަމުން އަންނައިރު، އެކަމުގައި އަވަސް ނަތީޖާއެއް ޓްރަމްޕް ބޭނުންފުޅުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވަނީ، ދާދި ފަހުން ރަޝިޔާގެ ރައީސް ޕުޓިންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުން މީޑިއާ ތަކުގައި ސިފަ ކޮށްފައި ވަނީ، "ވަރަށް ކާމިޔާބު" ބައްދަލުވުމެއްގެ ގޮތުގަ އެވެ. ވިކްޓޮފް އާއި ޕުޓިންގެ އެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ، ޔޫރަޕުގެ ލީޑަރުންނާ އެކު މަޝްވަރާ ކުރައްވާފައިވާކަން ހާމަ ކުރައްވައިފަ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށް ހުރިހާ ލީޑަރުން ވެސް އެއްބަސްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކާއި، ހަފުތާ ތަކުގެ ތެރޭގައި ވެސް އެ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރުގެ ހުވާ، މިއަހަރުގެ ޖަނަވަރީ މަހު ކުރެއްވި ފަހުން ޓްރަމްޕް ގެންދަވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ތިން އަހަރުވީ ހަނގުރާމަ ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. ވެރިކަމުގެ ފުރަތަމަ ދުވަސް ކޮޅު ވެސް ޓްރަމްޕް ވަނީ، ރަޝިޔާގެ ރައީސް ޕުޓިންއާ އެކު ފޯނު ކޯލުން މަޝްވަރާތައް ކުރައްވައިފަ އެވެ.
ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ކުރައްވަމުން އައި މަސައްކަތުގައި ރަޝިޔާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީވެ، ޓްރަމްޕްގެ ނުރުހުން ރަޝިޔާ އަށް އަމާޒުވި އެވެ. ޚާއްސަކޮށް އެ ޤައުމުގެ ރައީސް ޕުޓިން އަށް ޓްރަމްޕް ވަނީ ވަރަށް ބޮަޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ޕުޓިންގެ އަމަލުތައް ހުންނަ ގޮތާ މެދު އިންތިހާ އަށް ހިތްހަމަ ނުޖެހޭ ކަމަށް ވެސް ޓްރަމްޕް ހާމަ ކުރެއްވި އެވެ.
ދާދި ފަހުން ޓްރަމްޕް ވަނީ ރަޝިޔާ އަށް ސުން ގަޑިއެއް ވެސް ކަނޑައަޅައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ރަޝިޔާ އިން ހަނގުރާމަ ހުއްޓަލުމާ މެދު ގޮތެެއް ނުނިންމައިފި ނަމަ، އެ ޤައުމާ ދެކޮޅަށް އިންތިހާ އަށް ދަތި ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް ޓްރަމްޕް އޮތީ ވިދާޅުވެފަ އެވެ.