Advertisement
ކ. މާލެ
|
7 އޯގަސްޓް 2025 | ބުރާސްފަތި 11:09
ކަނޑުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ، 2025 އޯގަސްޓު 07
ކަނޑުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ، 2025 އޯގަސްޓު 07
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ދޯނިން ޙާލު ދެރަވި އެކަކު މަރުވެއްޖެ
ށ.ފުނަދޫ އަށް ދަތުރު ކުރަމުން ދިޔަ ދޯނި ބަނޑުން ޖަހާލާފައި ވަނީ ކުމުންދޫ ކައިރި އަށް
އެ ވަގުތު ދޯނީގައި ހަތަރު މީހުން ތިބި، އެއީ ދެ ބިދޭސީންގެ އިތުރުން، ދެ ދިވެހިން
މަރުވެފައި ވަނީ ޙާލު ދެރަވި ދެ މީހުންގެ ތެރެއިން، އުމުރުން 66 އަހަރުގެ ދިވެހި ފިރިހެން މީހާ

ހދ.ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ސަޕްލައި ދޯނިން ޙާލު ދެރަވި ދެ މީހުންގެ ތެރެއިން، އެކަކު މަރުވެއްޖެ އެވެ.

ހދ.ކުޅުދުއްފުށިން ފުރައިގެން، ށ.ފުނަދޫ އަށް ދަތުރު ކުރަމުން ދިޔަ ދޯނި ބަނޑުން ޖަހާލާފައި ވަނީ ކުމުންދޫ ކައިރި އަށެވެ. އެ ވަގުތު ދޯނީގައި ހަތަރު މީހުން ތިއްބެވެ. އެއީ ދެ ބިދޭސީންގެ އިތުރުން، ދެ ދިވެހިން ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައި ވަނީ ހަތަރު މީހުން ވެސް ސަލާމަތް ކޮށްގެން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. ޙާލު ދެރަވި ދެ މީހުންގެ ތެރެއިން، އުމުރުން 66 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް، 10:30 ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައި ވަނީ، އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެ ޚިދުމަތުގެ ފަރާތުން ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނެފައި ވަނީ ލޯންޗު ބަންޑުން ޖަހާލިއިރު ހަތަރު މީހުން ތިބިއިރު، އޭގެ ތެރެއިން ދެ މީހެއްގެ ޙާލު ދެރަވި ކަމަށެވެ. އަދި ޙާލު ދެރަވި ދެ މީހުން ފަޔަވައި ދެން ތިބި ދެ މީހުން، އެ ދޯނީގެ ވެރި ފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަލާމުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

- ކޮމެންޓް